ޚަބަރު

މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި


ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު "ފުރުޞަތު" ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު ރ.އަތޮޅު ތެރެއިން ކަމަށް ދޯނީގެ ވެރިފަރާތުން މަޢުލޫމާތު ދީފައިވާކަމަށެވެ. މިދޯންޏަކީ ދިގުމިނުގައި 85 ފޫޓްހުރި ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލަ އާއި ރީނދޫ ކުލައިގެ ދެފަށް ދަމާފައިވާ ގޭގަނޑެއް ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ. 

މިއުޅަނދާ ބެހޭ މަޢުލޫމާތެއް ލިބޭތޯ އެސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން ބައްލަވައި ދެއްވުމާއި، މިއުޅަނދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި ދެއްވުމަށް ކޯސްޓްގާޑުން އެދިވަޑައިގެންނަވައެވެ.