ޚަބަރު

ފުޓުބޯޅައިގެ ކުރިއެރުމަށް ފެންވަރު ރަނގަޅު ރެފްރީން ބޭނުންވޭ: އުރުބާނީ


  • އެންމެ ސާދާކޮށް ދަންނަވާނަމަ އެއީ މެޗު މުށުތެރެއަށްލުމުގެ ގާބިލުކަން

  • މެޗުގެ ފޯރި ހިފެހެއްޓުމަށް މިއީ މުހިންމު ސިފައެއް

މިޒަމާނަށް ބަލާއިރު ބުންވަރާއި، ހަލުއިމިންފަދަ ކަންކަމަށްވުރެ ފުޓުބޯޅަައިގައި މުހިންމީ ފުޓުބޯލް އައިކިއު ކަމަށް ދެކޭ މީހުންވެސް އުޅޭ ކަމަށާއި، މިއީ ދަނޑުމަތީގައި ރެފްރީންނަށްވެސް ވަރަށް މުހިންމު އެއްޗެއް ކަމަށް، ރާއްޖޭގެ ގައުމީ ޓީމުގެ ހެޑް ކޯޗު، އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ، އިސްޓަވާން އުރުބާނީ ބުނެފިއެވެ.

ރާއްޖޭގެ ރެފްރީންގެ ފެންވަރު ދަށްވުމުގެ މައްސަލައަކީ ވަކީން ހާއްސަކޮށް މިފަހަކަށް އައިސް ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

މިފަހުން ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ އިތުރުން، ދިވެހި ޕްރެމިއަރ ލީގު ކޮލިފިކޭޝަން ބުރުންވެސް މިކަމުގެ އެތައް މިސާލެއް ފެންނަން އެބަހުއްޓެވެ. އެހެންކަމުން، މިކަންކަމާ ގުޅޭގޮތުން، ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، އިސްޓަވާން އުރުބާނީއާ ވާހަކަދައްކާލުމުން، އޭނާ ފާހަގަކުރި އެއްކަމަކީ ފުޓުބޯޅަ ކުޅުންތެރިންނެކޭ އެއްގޮތަށް، ރެފްރީންގެވެސް ފުޓްބޯލް އައިކިއު މަތިވުން މުހިންމުކަމެވެ.

"ފުޓުބޯޅައިގަ މިހާރަކަށް އައިސް ވަރަށް މުހިންމު ސިފައެއް އެބަ އޮވޭ، އެއީ ފުޓްބޯލް އައިކިއު. ބައެއް މީހުން ގަބޫލުކުރާ ގޮތުގަ އެއީ މިހާރު އެންމެ މުހިންމު ކަންތައް. ކުޅުންތެރިންގެ ހަލުއިމިނާއި ބުންވަރު ކަހަލަ ސިފަތަކަށްވުރެވެސް އެކަންތައް މުހިންމުކަމަށް ގަބޫލުކުރާ މީހުން ގިނަ. ގޭމުގަ ވާނުވާ އެނގުން. ގޭމު ރީޑުކުރަން އެނގުން. ޖެހޭ މައްސަލަތައް ހައްލުކުރަން އެނގުން. މިކަންކަން ރެފްރީންނަށްވެސް މުހިންމުވޭ. ރެފްރީންވެސް ރަނގަޅު ފުޓްބޯލް އައިކިއުއެއް އެބަ ބޭނުންވޭ. ނޫންނަމަ ގޭމުގަ ވާނުވާއެއް ނޭނގޭނެ." އުރުބާނީ ބުންޏެވެ.

"ފުޓްބޯލް އައިކިއު" ނުވަތަ ފުޓްބޯލް އިންޓެލިޖެންސް އަކީ ކޮބާތޯ ބަލާއިރު، އެންމެ ސާދާކޮށް ދަންނަވާނަމަ އެއީ މެޗު މުށުތެރެއަށްލުމުގެ ގާބިލުކަމެވެ. މީގެ ތަފްސީލަށް ދާނަމަ އެއީ، މެޗުގައި ވާކަންކަން ފަސޭހައިން ނަގައިގަނެ، އަމިއްލަ ޓީމުގެ ކުޅުންތެރިންގެ އިތުރުން އިދިކޮޅު ޓީމުގެ ކުޅުންތެރިންގެ ހަރަކާތްތައް ދެނެގަތުމާއެކު މެޗުގެ އޮއިވަރު ހިފެހެއްޓުމުގެ، ނުވަތަ އެންމެ ޕާހަކުން ބަދަލުކޮށްލުމުގެ ގާބިލުކަމެވެ.

ފަހުގެ ކުޅުންތެރިންނަށް ބަލާއިރު މިކަން އެންމެ ފަސޭހައިން ފެންނާނެ އެއް ކުޅުންތެރިޔަކީ ސްޕެއިންގެ ރެއާލް މެޑްރިޑުން ވިދާލި ޖަރުމަން މިޑްފީލްޑަރު، ޓޮނީ ކްރޫސް އެވެ. މީގެ އިތުރުން، އިޓަލީގެ ނަޕޮލީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރުއިނާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭޒްގެ ކުޅުމުންވެސް މިކަން ވަރަށް ބޮޑަށް ފެންނާނެއެވެ.

ނަމަވެސް، ރެފްރީންނަށް މިކަން މުހިންމުވަނީ ކިހިނެތް ހެއްޔެވެ؟ ރެފްރީންގެ ފުޓްބޯލް އައިކިއު އަކީ ކޮބާހެއްޔެވެ؟

އުރުބާނީގެ ވާހަކައިގައި މިކަން ވަރަށް ބޮޑަށް ތަފްސީލުކޮށްދީފައި ވެއެވެ. މިކަމުގެ މިސާލެއް ކިޔައިދެމުން އުރުބާނީ ބުންޏެވެ.

"އަހަރެން ހުރިހާ ކަމެއް ރެފްރީންގެ ބޮލުގަ އަޅުވަނީއެއް ނޫން. އަހަންނަށް އެނގޭ އެއީ ކިހާ އުނދަގޫ ކަމެއްކަން. އެކަމު ބައެއް ހާލަތްތަކުގަ އަހަންނަށް އެއްވެސް ވަރަކަށް ނުވިސްނޭ (އަހަރުމެންނަށް ފެންނަ ކަންކަން) ރެފްރީންނަށް ނުފެންނަނީ ކީއްވެ ކަމެއް. ޓީމު އަތުގަ ބޯޅަ އޮވެފަ، ރީއްޗަށް ކުރިއަށްދެވެން އޮއްވަ އޮފްސައިޑަށް ގޮއްވަންޖެހެނީ ކީއްވެ؟ ލައިންސްމަނަށް އިޝާރާތްކޮށްލާފަ ޕްލޭ ކުރިއަށް ގެންދަންވީނު؟ އެހެންވެ މިބުނަނީ އެންމެ ފުރަތަމަ އަންނާނީ ގޭމު، ނުވަތަ މެޗޭ. ލޮލުމައްޗަށް ފެންނަން އޮންނަ މަންޒަރެއް ނޫނޭ. އެއީ ހަމައެކަނި (ނިންމުންތަކުގަ) ކެތްތެރިވުމެއް ނޫން. އެއީ ކުޅުންތެރިއެއްގެ ނަޒަރުންވެސް ވިސްނުން…"

މިއީ ރާއްޖޭގެ އިތުރުން ރާއްޖޭން ބޭރުގެ ބޮޑެތި ލީގުތަކުގައިވެސް ފުދޭވަރަކަށް ގިނައިން ފެންނަ މަންޒަރެކެވެ. ޑިފެންޑުކުރާ ޓީމުން ބޯޅަ އަތުލާފައި، ކައުންޓަރ އެޓޭކަކަށް ތައްޔާރުވަމުން ދަނިކޮށްވެސް އިދިކޮޅު ޓީމުގެ ކުޅުންތެރިޔާ އޮފްސައިޑުގައި ހުރުމުން، ކުޅުމުގެ ފުރުސަތުދިނުމުގެ ބަދަލަށް އޮފްސައިޑަށް ގޮއްވާފައިވާ ހާލަތްތައް ބައިވަރެވެ.

މިއީ ގޭމު "މަރާލުމެވެ." ރެފްރީންގެ މިފަދަ ނިންމުންތަކުގެ ސަބަބުން ގޭމުގެ ފޯރި އެންމެ ގަދަވާ ވަގުތުތަކުގައިވެސް ރަނގަޅު ހަމަލާއެއް ފެނުމުގެ ބަދަލުގައި ފެންނަނީ ކުޅުންތެރިން ރެފްރީއާ ދިމާކޮށް، މައްސަލަޖައްސާ ތަނެވެ.

އުރުބާނީ ފާހަގަކުރި ގޮތުގައި މިފަދަ މައްސަލަތައް ޖެހެނީ ފުޓުބޯޅަ ކުޅުމުގެ ތަޖުރިބާހުރި ރެފްރީން މަދުވީމައެވެ. އެހެންކަމުން، ބައެއް ހާލަތްތަކުގައި ކުޅުންތެރިންގެ ވިސްނުން ހުންނާނެގޮތް ރެފްރީންނަށް ނޭނގުމުގެ މައްސަލަ ބޮޑުކަން އުރުބާނީ ފާހަގަކުރިއެވެ.

ނަމަވެސް މިއީ ހަމައެކަނި ރެފްރީންގެ މައްސަލައެއް ނޫންކަން އުރުބާނީ ފާހަގަކުރިއެވެ. އުރުބާނީ ބުނީ، މިކަން ހައްލުކުރުމަށް ރެފްރީންނަށް އެކަނި ހުރިހާކަމެއް މަތިނުކޮށް، ކުޅުންތެރިންނާއި، އޮފިޝަލުންގެ އިތުރުން ސަޕޯޓަރުންވެސް މިކަމުގައި އެއްބާރުލުން ދިނުން މުހިންމުކަމަށެވެ.

އެގޮތުން، މެޗުގެ އިންޓެންސިޓީ އެހާ މަތި ނޫން ހާލަތްތަކުގައިވެސް ރެފްރީއަށް ނިންމޭ އެންމެ ނިންމުމަކުން ސަޕޯޓަރުންނާއި އޮފިޝަލުންވެސް ކޮންޓްރޯލުން ނެއްޓޭކަން ފާހަގަކޮށް، އުރުބާނީ ބުނީ މިކަން ހައްލުކުރެވެން އޮތީ އެންމެން އެއް މޭޒަކަށް އަރައި، ގިނަ ވާހަކަތަކެއް ދެކެވި، މަޝްވަރާތަކެއް ކުރެވިގެން ކަމަށެވެ.

އެހެންކަމުން، ފުޓުބޯޅައިގައި ރެފްރީންނަށް ފުޓްބޯލް އައިކިއު މުހިންމުވަނީ މެޗުގައި ހިނގާ ކަންކަން ކުޅުންތެރިއެއްގެ ނަޒަރުން ވިސްނާ، ހަމައެކަނި ފޮތުގައި އޮންނަ ގޮތަށް ގޮއްވުމުގެ ބަދަލަށް މެޗުގެ ހާލަތަށްވެސް ރިޢާޔަތްކުރުމަށް ފަސޭއަކަށެވެ.

ރެފްރީންނަށް ފުޓްބޯލް އައިކިއު މުހިންމުވަނީ، ގޭމު "މަރާނުލާ"، ގޭމުގެ ފޯރި ހިފެހެއްޓުމަށް މަދަދުގާރެއްގެ ހައިސިއްޔަތުންނެވެ. ރެފްރީންނަށް ފުޓްބޯލް އައިކިއު މުހިންމުވަނީ، ސަޕޯޓަރުން ބަލާހިތްވާފަދަ ފޯރިގަދަ މެޗެއް ކުޅުމުގެ ފުރުސަތު، ކުޅުންތެރިންނަށް ފަހިކޮށްދިނުމަށެވެ.