ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން (19 ޖޫން) "ދަ ޕަލްސް" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑު ގެނެސްދީފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
"ދަ ޕަލްސް"ގެ ނަމުގައި ގެނެސްދޭ ޕޮޑްކާސްޓަކީ މުޖުތަމަޢުގެ ވިންދާ ގުޅިފައިވާ މުހިންމު ކަންކަމަށް އަމާޒުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެނެސްދޭ ޕްރޮގްރާމެކެވެ.
• އަމާޒަކީ މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށްވިޔަނުދީ، އިތުރަށް މައްޗަށް ގެންދިޔުންކަމަށް ވިދާޅުވުން
• ވަޢުދުތައް ފުއްދުމަށް ހުރަސް އަޅައިގެން ފައިދާއެއް ނުލިބޭނެކަމަށް ވިދާޅުވުން
• މާރުކޭޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށް ބޭނުންވާ ބިން ނުދީ، ސިޓީ ކައުންސިލުން މަޝްރޫޢަށް ހުރަސްއަޅަމުންދާތީ ރައީސް ކަންބޮޑުވުން ފާޅުކުރުން
(25 ޖޫން) މީގެއިތުރުން ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ދެވަނަ އެޕިސޯޑް ގެނެސްދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރައްޔިތުންނަށް މައުލުމާތު ފޯރުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
- ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ފިޔަވަޅު އަޅުއްވަނީ ރޭވިގެން، ވަށައިޖެހޭ ހައްލެއް ލިބޭގޮތަށް ކަމަށް ވިދާޅުވި
- ރައްޔިތުންގެ ބަހެއް ނެތި ސަރުކާރު ބަދަލުވާ ނިޒާމެއް ދިވެހިން ބޭނުންނުވާކަމަށް ވިދާޅުވި
- މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކީ ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫޢުއެެއްކަމުގައި ވިދާޅުވި
(ޖޫން 22) ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މި ޤަރާރަކީ، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢުގެ ދަށުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ޝާއިއުކޮށްފައިވާ ޤަރާރެއްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
(25 ޖޫން) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ސްޓޭޓް އޮފް ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަންކުރެއްވީ އާދަމް ޝަރީފު ޢުމަރެވެ. އަދި އެކުވެރި ޢަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ ޠާރިޤު އިބްރާހީމްއެވެ.
(ޖޫން 24) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުޙައްމަދު ޝަކީލު ޢައްޔަންކުރައްވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމެވެ.
(ޖޫން 23) ރަށަކުން އަމިއްލަ ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާ މީހުންނަށް ވަގުތުން ރަށްވެހިކަން އެ ރަށަކަށް ބަދަލުކުރެވޭނެގޮތަށް ޤާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާފައިވަނީ މިދިޔަ އިންގާރަ ދުވަހުއެވެ. މިބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.
ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ މިހާރު އެޤާނޫނުގެ ދަށުން، ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކުރެވެނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި 5 އަހަރު ދުވަހު ދިރިއުޅޭފައިވާ މީހެއްކަމުގައި އޮންނަ އޮތުން ބަދަލުކޮށް ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
(ޖޫން 24) މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ، ޙަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ މާލީ ވަޒީރަކަށް ޙަސަން ޒަރީރު އައްޔަން ކުރައްވައި، ރުހުން ހޯއްދެއްވުމަށް މަޖިލީހަށް ފޮނުއްވުމުން ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރުހުން ދޭން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ.
(ޖޫން 20) ކ. ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މި މަޝްރޫޢަކީ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ޓަކައި އެކަށައަޅުއްވައި ދެއްވާފައިވާ އިސްތިރާޖީ އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ބޭނުންވާ ތަމްރީންގެ ވަޞީލަތްތައް ގާއިމްކޮށް، ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފެށިގެންދާ އެންމެ މުހިންމު އެންމެ ބޮޑު އެއް މަޝްރޫޢެވެ.
(ޖޫން 21) ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފަށާފައިވާ ކަމަށް ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަގުތު ހަމަވީއިރު ބައިލައްކައަށްވުރެ ގިނަ މީހުންވަނީ ގޯއްޗަށާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށައަޅާފައެވެ.
(ޖޫން 23) ބޮޑުތަކުފާނު މަގުގައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ޖުލައި 26ގެ ނިޔަލަށް މުޅިން ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވީ ނިމުނު ހަފުތާގެތެރޭގައެވެ. އެމްޓީސީސީން މިހާރު ތައްޔާރުވެފައިވަނީ ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފެށުމަށެވެ.
(ޖޫން 25) ހައްދުންމަތީގައި ތަރައްޤީކުރާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހުއެވެ. ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ލ. އަތޮޅުގެ ދަތުރުގައި އެންމެ ގިނައިން ދެކެވުނީ އެއަރޕޯޓުގެ ވާހަކަ ކަމަށެވެ. އެގޮތުން 3 ރަށަކުން އެކަމަށް އެދެމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމުގައި އިސްކަންދޭނީ ދެމެހެއްޓެނިވި ތަރައްޤީއަށްކަމަށެވެ.
(ޖޫން 21) ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، މ.އަތޮޅުގެ 8 ރަށަކަށް ދެމުންދާ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ.
(ޖޫން 23) ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އެޅުމަށް 10 ރަށަކަށް ގްރާންޓް ދީފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ނާސަރީތަކުން ރައީސުލްޖުމްހޫރިއްޔާގެ ވައުދެއްކަމަށްވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމުގެ މަސައްކަތް ކުރާނެއެވެ.
(ޖޫން 23) މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑެބިޓް ކާޑުން އީކޮމާސް ބައެއް ސައިޓްތަކަށް ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓްކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ.
(ޖޫން 24) ދިވެހި އިންވެސްޓްމެންޓް ނަފާ ފަންޑުން، ދިނަފް-36 ކާމިޔާބުކަމާއެކު ނިންމާލާ، 40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު ދިނަފް-48 ތަޢާރަފްކޮށްފައިވަނީ ބުދަ ދުވަހުއެވެ. ދިނަފްއަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ސީއެމްޑީއޭގައި ރަޖިސްޓަރކޮށްގެން ހިންގާ ފަންޑެކެވެ. މިއަދުން ފެށިގެން މި ފަންޑުގައި ބައިވެރިވެވޭނެއެވެ.
(ޖޫން 23) ޖުލައިގެ ގްރާންޓާއެކު ހިރިމަރަދޫގެ ޚަރަދުތައް ހަނިމާދޫ ކައުންސިލަށް ލިބޭނެކަމަށް އެލްޖީއޭއިން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް 2.5 މިލިޔަން ރުފިޔާ ފޯރުކޮށްދީފައިވާކަން ހާމަކުރީ ވެސް މިދިޔަ އަންގާރަ ދުވަހުއެވެ.
(ޖޫން 25) ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ނިންމާފައިވާކަން ހާމަކުރީ ބުރާސްފަތި ދުވަހުއެވެ. ބީއެމްއެލްގެ ސްޕޯކްސްޕަރސަން މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ދަރިވަރުންނަށް ބޭރު ފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަން އެ ބޭންކަށް ލިބޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން، ބޭންކުން އެކަމަށް އެދޭ ހުރިހާ ދަރިވަރުންނަށް، ވިސާ އަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
(ޖޫން 25) ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު %25 އިތުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މިއީ ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެކި ބޭނުންތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނިންމި ނިންމުމެއްކަމަށް އެ އޮތޯރިޓީން ހާމަކުރައްވައެވެ.
އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (ޖޫން 22) ފެންބޮޑުވުމުގެ ކާރިސާތަކަށް އިޖާބަ ދިނުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިންދާ ޕަންޕުތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން 18 ރަށަކާ ހަވާލުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ނިމުނު ހަފުތާގައިވެސް ހިތާމަވެރި ޚަބަރެއްވެސް ލިބިގެންދިޔައެވެ. (ޖޫން 21) ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު އަވަހާރަވި ޚަބަރު ލިބުނީ އާދީއްތަ ދުވަހުއެވެ. ދ.މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދުގެ ޢިލްމުގެ ދަތުރު އެންމެ ފުރަތަމަ ފެއްޓެވީ، ފ.މަގޫދޫއިންނެވެ.
ކިޔެވުމުގައި ހޯއްދެވި ފުރަތަމަ ކާމިޔާބީގެ ތެރެއިން އިތުރަށް ކިޔަވަން މާލެ ފޮނުވުނު ކުދިންގެ ތެރޭގައި ހިމެނިވަޑައިގެން، މާލޭ ދާރުލް އިޤާމާގައި ހުންނަވާ މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާސިލުކުރެއްވިއެވެ. އަދި އެއަށްފަހު ސަރުކާރުގެ ވުޒާރަތުއް ތިޖާރާ ވައްތަންމީނުގައި ޚިދުމަތް ކުރެއްވިއެވެ. ތަޢުލީމު ފޯރުކޮށްދެއްވުމަށް ލޯބިކުރައްވާ ބޭފުޅެއްކަމުން މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގައި މުދައްރިސެއްގެ ގޮތުގައިވެސްވަނީ ޚިދުމަތް ކުރައްވާފައެވެ.