ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އޭނާ މަސައްކަތް ކުރީ ކުޅުންތެރިންގެ ޕްރެޝަރު ފިލުވާލަން ކަމަށް އުޒުބަކިސްތާނުގެ ކޯޗު އިޓަލީގެ ފަބިއޯ ކަނަވާރޯ ބުނެފި އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކޮންގޯއާ ވާދަކުރުމުގެ ކުރިން ކޯޗު ބުނީ ޕޯޗުގަލް އާއި ކޮލޮމްބިއާ މެޗުން ބަލިވި ނަމަވެސް ކޮންގޯ މެޗަކީ އުޒުބަކިސްތާނަށް އެންމެ މުހިންމު މެޗު ކަމަށެވެ. ނަމަވެސް މި މެޗުން މޮޅުވި ނަމަވެސް މުބާރާތުގެ ގަދ 32 އަށް ދިއުމުގެ ފުރުސަތު އެ ގައުމަށް ވަރަށް ހަންޏެވެ. ސަބަބަކީ ޕޯޗުގަލް އަތުން 5-0އިން އަދި ކޮލޮމްބިއާ އަތުން 3-1އިން ބަލިވުމުން ގެއްލުން އަށް ހަތް ގޯލު އޮތުމެވެ.
"ކުޅުންތެރިންނަށް އަންނާނެ ހުރިހާ ޕްރެޝަރެއް މިނަގަނީ އަހަރެން. އަހަރެން ކުޅުންތެރިންނަށް ވިސްނައި މިދެނީ ބުރޫނޯ ފެނާންޑޭޒް އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކައުންޓަ އެޓޭކްތަކުގައި އެ މީހުން ހިތްދަތިވެދާނެއޭ. އެއީ މައްސަލައެއް ނޫނޭ. މުބާރާތުގެ ގުރު ނެގުމާއެކު ވެސް މިކަންވާނީ މިހެންކަން އެނގޭ. އެކަމަކު އަހަރެންނަށް ކޮންގޯ މެޗު ފެންނަނީ ތަފާތުކޮށް. މި މެޗަކީ އަހަރުމެންނަށް ކަމެއް ސާބިތު ކޮށްދެވޭނެ މެޗު،" އިޓަލީ އަށް 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ކެޕްޓަން ބުންޏެވެ.
މި މެޗުން މޮޅުވެއްޖެނަމަ އުޒުބަކިސްތާނަށް ގްރޫޕުގެ ތިން ވަނަ ލިބޭނެ އެވެ. އެއީ ކޮންގޯ އަށް މިހާތަނަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެއް ކަމަށްވާތީ އެވެ.