ކ.ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރު ތަރައްޤީކުރުމަށް އަންނަ މަހު ބޮޑު މަޝްރޫއެއް ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ ހިންމަފުށީގެ ރިހިބިލޭޓޝަން ސެންޓަރ، 500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ ތަނަކަށް ހަދާނެ ކަމަށެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާނެ ކަމަށާއި، އެއީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާ ފެންވަރުގެ ތަނަކަށް ވާނެ ކަމަށް ވަޒީރު ވިދަޅުވިއެވެ.
މިހާރު ރާއްޖޭގައި ޤާއިމްކޮށްފައިވާ ޑްރަގް ރިހެބިލިޓޭޝަން ވަސީލަތްތަކުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުދެވޭ ކަމަށް ފާހަގަކުރައްވާ ވަޒީރު އިހުސާން ވަނީ އެތަންތަނަށް ރަނގަޅު ބަދަލުތަކެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ.
"ހިންމަފުށީގައި ސެންޓަރުގެ ފަރުވާ އެންމެ ރަނގަޅެއް ނޫން. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސްވެސް ހުރީ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭ ހާލަތެއްގައެއް ނޫން. އެހެންކަމުން އެ ދެ ތަންވެސް ޒަމާނީ ގޮތަށް ބަދަލުކޮށް ޚާއްސަ ފަރުވާ ދެވޭނެ ސެޓަޕެއްގެ މަސައްކަތްވެސް އެބަ ކުރަން" ވަޒީރު އިހުސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަމާޒަކީ ހިންމަފުށީ ސެންޓަރުގެ މަސައްކަތް ވހާވެސް އަވަހަށް ނިންމާލުން ކަމަށެވެ. ޑްރަގް ކޯޓުގެ އިސްނެގުމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ބައިވެރިވެ 300އަށް ވުރެ ގިނަ ބައިވެރިން ވަނީ ކާމިޔާބުކަމާއެކު އެ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ވަޒީރު ވަނީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ އަލުން އަނބުރާ ދިރިއުޅުން ރަނގަޅުކުރަން މަސައްކަތްކުރާ މީހުންނާއި މެދު މުޖުތަމައުން ދެކޭ ގޮތް ވަރަށް ބޮޑަށް އަދިވެސް ރަނގަޅުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. އެ ފަދަ ފަރާތްތައް ރަނގަޅު ނުވާނެ ކަމަށް ދެކުމަކީ މުޖުތަމައުގެ އަފުރާދުންގެ މެދުގައި ބަދަލުވާންޖެހޭ ވިސްނުމެއްކަމަށް ވސް ވަޒީރު ވިދާޅުވިއެވެ.