ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް މަރުހަލާ އާއި އަޅާބަލާއިރު ދެވަނަ ބުރުގައި ކުރިމަތިލާންޖެހޭނ ގޮންޖެހުން ތަފާތު ވާނެކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
ސްކަލޯނީ މިހެން ބުނެފައިވަނީ ގްރޫޕް މަރުހަލާގެ ފަހު މެޗުގައި އުރުދުން އާއި ބައްދަލުކޮށް 3 ލަނޑު އެއް ލަނޑުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ދެވަނަ ބުރުގެ ގޮންޖެހުން ގްރޫޕް މަރުހަލާ އާއި ތަފާތު ވާނެ ކަމަށާއި އެގޮންޖެހުމަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. ސްކަލޯނީ ބުނީ ގްރޫޕް މަރުހަލާގެ ތިން މެޗަށް ބަލާއިރު އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުން ރަނގަޅު ކަމަށެވެ. އަދި ފަހު މެޗުގައި ފުރަތަމަ ދެމެޗުގައި ނުކުޅޭ ގިނަ ކުޅުންތެރިން ތަކަކަށް ފުރުސަތު ދެވުމުން އެކުޅުންތެރިން މުބާރާތަށް ތައްޔާރު ވެފައިވާ މިންވަރުވެސް ދެނެގަނެވިއްޖެ ކަމަށާއި އެކުޅުންތެރިންވެސް މިމުބާރާތުގައި ކުޅުން ހައްގު ކަމަށެވެ. އަދި މިމެޗުގައި އަލަށް އެރި ކުޅުންތެރިންގެ ފަރާތުންވަނީ މިމުބާރާތުގައި ބޭނުން ޖެހިއްޖެ ހިދެއްގައި އެކުޅުންތެރިންނަށް އިތުބާރު ކުރެވިދާނެކަން ހާމަކޮށްދީފައެވެ. މިމެޗުގައި އުރުދުންއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ ކަމަށާއި އަދި މިމެޗުގައި އޭނާގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ނޫސްވެރިން މެސީ އާއި ގުޅޭގޮތުން ސުވާލުކުރަން ފެށުމުން ސްކަލޯނީ ބުނީ މެސީ އާއި ގުޅޭގޮތުން އިތުރަށް ބުނާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި މެސީ ދަނޑު މައްޗާއި ދަނޑުން ބޭރުގައި ގިނަ ކަންތައްތަކަކީ މިހާރު އޭނާއަށް އިތުރަށް ހައިރާންކަން ލިބޭ ކަންތައްތަކެއް ނޫން ކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އުރުދުންގެ ކޯޗު ޖަމާލް ސެލާމީ ބުނީ މިފަހަރުގެ މުބާރާތުން ހާސިލްވި އެންމެ ބޮޑު ކަމަކީ މިފަދަ މުބާރާތްތަކުގައި ބޮޑެތި ޓީމުތަކާއި ކުޅުމުގެ ތަޖްރިބާ ކަމަށެވެ. އޭނާ ބުނީ ގިނަ ފަހަރަށް ކުޅުންތެރިންނަށް ކަމެއް ކިޔައިދިން ނަމަވެސް އެކަން އަމިއްލައަށް ދަނޑު މަތީ ތަޖްރިބާ ނުކުރަނީސް އެކަންކަމުގެ މުހިންމު ކަން އިހްސާސް ކުރަން ދަތިވާކަމަށެވެ. ނަމަވެސް މިފަދަ މެޗުތަކުގައި ކުޅުމުން އެކަންކަން ދަސްކޮށް އަދި ބުނދޭ އެއްޗެއްް ގަބޫލްކުރަން ފަސެހަ ވާނެކަމަށެވެ. މިގޮތުން އުރުދުން ޓީމުގައި ޓެކްނިކަލް ހުނަރު ހުރި ނަމަވެސް އެކުޅުންތެރިންގެ ފިޒިކަލް އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫނީ މިފެންވަރުގައި ވާދަ ނުކުރެވޭނެކަމަށް އޭނާ ހާމަކުރިއެވެ. އަދި މިމުބާރާތުން ލިބިގެންދިޔަ ތަޖުރިބާގެ އަލީގައި މިކުޅުންތެރިން ކުޅުން އިތުރަށް ރަނގަޅު ކުރެވޭނެކަން ވެސް އޭނާ ހާމަކުރިއެވެ.