ޚަބަރު

ތިލަފުށީގައި އެމްޓީސީސީގެ އިމަރޖެންސީ އެކްސަސައިޒެއް


  • ސައިޓުން އަލިފާނާއި ދުން ފެނުމަކީ އެކަށީގެންވާ ކަމެއް

  • ހަރަކާތް ކުރިއަށްދާނީ މެންދުރުފަހު 13:00 އިން ހަވީރު 18:00އަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން އެކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަކުރުމަށް ތިލަފުށީގައި ފުލް ސްކޭލް އިމަރޖެންސީ އެކްސަސައިޒެއް ފަށައިފިއެވެ.

މެންދުރުފަހު 13:00 އިން ހަވީރު 18:00 އަށް މި ހަރަކާތް ކުރިއަށްގެންދާނީ އެމްޓީސީސީގެ ތިލަފުށީ ސައިޓުގައެވެ.

މި ހަރަކާތް ކުރިއަށްދާ ވަގުތު ތިލަފުށީ އެމްޓީސީސީ ސައިޓުން އަލިފާނާއި ދުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން، އެ ސަރަހައްދުން ދުން ނުވަތަ އަލިފާން ފެނުނު ކަމުގައިވިޔަސް އެއްވެސް ފަރާތަކުން ކަންބޮޑުނުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީން ވިދާޅުވީ އެކްސަސައިޒަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ތައްޔާރީ ހާލަތު ދެނެގަތުމަށް ބާއްވާ ހަރަކާތެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އާ ގުޅިގެންކަަމަށެވެ.

އެމްޓީސީސީން ވިދާޅުވީ މި އެކްސަސައިޒް ކުރިއަށްދާ ވަގުތު ކަމާގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ވަގުތުތަކުގައި އިމަރޖެންސީ ރެސްޕޮންސް ޓީމުތަކާއި ކަމާގުޅޭ އެހެނިހެން އިދާރާތައް އެ ސަރަހައްދުގައި ތައްޔާރީ ހާލަތުގައި ހަރަކާތްތެރިވާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ.

މި ހަރަކާތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި އެކްސަސައިޒް ނިމުމުން އެކަން އާންމުކޮށް އަންގާނެ ކަމަށާއި، އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވަނީ އެދިފައެވެ.