ޚަބަރު

އާރަށުގެ މައްސަލަ: އައު ހެކި ބަލައިނުގަންނަން ނިންމި ނިންމުމަށް ތާޢީދުކޮށްފި


  • އައު ހެކި ބަލައިގަނެވޭނެ އިސްތިސްނާ ހާލަތެއް ނެތް

  • މައްސަލަ ނިންމީ ތިން ފަނޑިޔާރުންގެ އިއްތިފާގުން

ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.

ވ.އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތުތައް ހިންގުމުގައި ޚިޔާނާތްތެރިވިކަމުގެ ތުހުމަތު ސާބިތުވެ، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25ވަނަ ދުވަހު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވާފައެވެ. އެ ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބެލުމަށް ހައިކޯޓުން ޙުކުމްކުރީ، 18 އެޕްރިލް 2024ގައެވެ. މި މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތައް ބަލައި ނުގަތުމަށް ހައިކޯޓުން ނިންމާފައި ވާތީ ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

މިއަދު އޮތީ ދައުލަތުން އިސްތިއުނާފްކުރި މައްސަލައިގެ ޙުކުމް އިއްވުމެވެ. ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމި ނިމުން ބަދަލުކުރަން ނުފެންނަކަމަށް ނިންމަވާ، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު މި މައްސަލައިގައި އިއްވަވާފައިވާ ރައުޔަށް، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ވަނީ ތާއީދުކުރައްވާފައެވެ.

ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި، ހައި ކޯޓުގައި އާ ހެކިތަކާއި މެދު ފާހަގަކޮށްފައި ނުވާ ނުކުތާތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ނުކުތާތަކާ މެދު ގޮތް ކަނޑައަޅަން ޖެހޭ ފަދަ އިސްތިސްނާ ހާލަތެއް ދައުލަތަށް ބުނެދެވިފައި ނުވާކަމަށް ފާހަގަކުރެއްވިއެވެ. އިތުރަށް ޝުޖޫން ވިދާޅުވީ، މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ހަދާ އިޖުރާއީ ގޯސްތަކަށް ކޯޓުތައް މެދުވެރިކޮށް ފަރުވާ ދިނުމަކީ ޝަރީއަތް ހިންގުމުގެ ހަމަހަމަ އުސޫލާއި ދުރުކަމެއް ކަމަށެވެ.

ޝުޖޫން ވިދާޅުވީ އާ ހެކި ބަލައިގަނެވޭނެ އިސްތިސްނާ ހާލަތަކީ, ހުށަހަޅާ އާ ހެއްކަކީ ދަށު ކޯޓުގެ މަރުހަލާގައި މަސައްކަތް ކޮށްގެން ހޯދިފައިނުވާ ހެއްކަކަށް ވެފައި، އެ ހެކީގެ ސަބަބުން މައްސަލައިގެ މައުޟޫއަށް ހެކީގެ ސަބަބުން އަސަރުކުރާ ހާލަތުގައި ކަމަށެވެ. ހަމައެހެންމެ ހުށަހަޅާ އާހެއްކަކީ ސައްހަކަމާއި މެދު ސުވާލު ނުއުފެދޭ ހެއްކަކަށް ވާންޖެހޭނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

މީގެއިތުރުން، އައު ހެކިތައް ބަލައިގެންފައިވަނީ އިޖުރާއަތުތަކާއި ޚިލާފަށް ކަމަށް ހައި ކޯޓުން ނިންމާ ހާލަތުގައި، އެ ހެކިތައް ހުށަހެޅުމުގެ އިޖުރާއަތް އަލުން ހުށަހަޅާ ގޮތަށް "އަލީ ޒުބައިރުގެ މައްސަލައިގައި" ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލަށް ބަލަން ޖެހޭނެ ކަމަށް، ހައި ކޯޓުގައި ދައުލަތުން ވަކާލާތު ނުކުރާކަން ޝުޖޫން ވަނީ ފާހަގަކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އާރަށު މައްސަލައިގެ ޝަރީއަތްވަނީ މަޑުޖައްސާލައިފައެވެ. މިހާރު ކްރިމިނަލް ކޯޓުން މައްސަލަ ބަލަންވާނީ އާހެކިތައް އެއްފަރާތްކުރުމަށްފަހުގައެވެ. ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިތުރުން، އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްވެސް ބާތިލްކޮށް އެ މައްސަލަވެސް އަލުން ބެލުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. ސުޕްރީމްކޯޓުގެ ނިންމުމާއި އެކު ޔޫސުފް ނައީމްގެ މައްސަލަ ވެސް އަލުން ބަލާނީ އާ ހެކިތަކަށް ރިއާޔަތްކުރުމަކާއި ނުލައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގައިފައިވާ ޚިޔާނާތުގައި ހިމެނޭ، ރ. ފުއްގިރީގެ މުއާމަލާތް ހިންގުމުގައި ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތު ނެންގެވި ކަމަށް ކުރީގެ ރައީސް ޔާމިންގެ މައްޗަށް ވަނީ ތުހުމަތުކުރެވިފައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022 ވަނަ އަހަރު އިއްވާފައިވީ ނަމަވެސް، ހައި ކޯޓުން އެ މައްސަލަ ބެލުމަށްފަހު އަލުން އެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް އަންގާފައިވެއެވެ.

އެ މައްސަލައަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރުވެސް މިހާރު ކުރިއަށްދެއެވެ.

މީގެއިތުރުން، ކުރީގެ ރައީސް ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އާއިއެކު ހަދާފައިވާ އެސްކްރޯ އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރު ހޯދުމަށް އެ މަނިކުފާނު ދައުވާ ކުރައްވާ މައްސަލަ އެއް ހައިކޯޓުގައި ކުރިއަށްގެންދެއެވެ.