ޚަބަރު

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި


  • ބިލު ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުން

  • އިސްލާހާއެކު ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަ ވާނެ

ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖޫންމަހު ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްކުރީ، ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުންނެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ޤާނޫނު ކުރިން އޮތްގޮތުން ސިނގިރޭޓަކުން ނަގަނީ 8 ރުފިޔާގެ ޑިއުޓީއެވެ. އެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އެ އަދަދު 4 ރުފިޔާއަށް ދަށްކުރުމަށެވެ. ބިލުގައި ހިމަނާފައިވަނީ ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށެވެ.

މި އިސްލާހުގެ ސަބަބުން، ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާ ކުރި އާމްދަނީ ދަށަށް ދާނެއެވެ.

މިއަދު ފާސްކުރި ބިލުގައި، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ކަނޑާލުމަށް ވެސް ވަނީ ހިމަނާފައެވެ.

މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު އެޤާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަންޖެހޭނެއެވެ.

2024 ވަަނަ އަހަރުގެ ނޮވެންބަރު މަހު، ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް ބަދަލުގެނެސް، ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ވަނީ ބޮޑުކޮށްފައެވެ.

ސިނގިރެޓްގެ ޑިއުޓީ ކުޑަ ކުރަން އަނެއްކާވެސް ނިންމާފައިވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯގެ ލަފާގެ ދަށުންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށާއި، ދުންފަތުގެ ވަބާއިން ރައްޔިތުން ސަލާމަތްކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އެގޮތުން، ދުންފަތުގެ ވަބާއިން އަންނަން އޮތް ޖީލު ސަލާމަތްކުރުމަށްޓަކައި ޖެނެރޭޝަނަލް ބޭން ތައާރަފްކުރުމުގެ އިތުރުން ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުން ފަދަ މުހިންމު ފިޔަވަޅުތަކެއް ފާއިތުވި 2 އަހަރު ތެރޭގައި ސަރުކާރުންވަނީ އަޅުއްވާފައެވެ.

މީގެ އިތުރުން 31 މެއިގައި ސަރުކާރުން އިޢުލާންކުރައްވާފައިވާ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން ޖޫން 27ގައި، ރަސްމީކޮށްވަނީ ފަށާފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ހޭލުންތެރި ކުރުމާއި، ސެޒޭޝަންގެ ޚިދުމަތް ފުޅާކުރުމާއި، ޤާނޫނާ ޤަވާއިދު ތަންފީޒު ކުރުމުގެ ތެރެއިން ވަށާޖެހޭ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާއި، މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ދުންފަތުގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.