މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕު ކާމިޔާބުކުރާނެ އެއް ފޭވަރިޓުގެ ގޮތުގައި ބެލެވޭ ފްރާންސަކީ ސްޕެއިނަށްވުރެ މޮޅު ޓީމެއް ނޫން ކަމަށާއި، ބަލިނުކުރެވޭ ވަރުގެ ޓީމެއް ނެތްކަމަށް، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ބުނެފިއެވެ.
މުބާރާތުގައި ވާދަކުރާ ފްރާންސް ޓީމާއިމެދު ހުރިހާ ޓީމަކުން ވެސް ޖެހިލުންވާކަމަށްބުނެ ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޔަމާލް ބުނީ، މި މުބާރާތުގައި ބަލިނުކުރެވޭނެ އެއްވެސް ޓީމެއް ނެތް ކަމަށާއި، ފްރާންސަކީ ވެސް ސްޕެއިނަށްވުރެ މޮޅު ޓީމެއް ނޫން ކަމަށެވެ.
އެންމެފަހުން ސްޕެއިން ކައިރިން ފްރާންސަށް މޮޅުވެވިފައިވަނީ 2021 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގައިކަން ފާހަގަކޮށް ޔަމާލް ބުނީ، ސްޕެއިނަށްވުރެ ކުރީގައި އުޅޭ ޓީމެއް ނެތް ކަމަށާއި މި ފަހަރުގެ މުބާރާތުގައި ފޭވަރިޓުންނެއް ވެސް ނެތް ކަމަށެވެ.
އަދި އޭނާ ހުރީ މި ވޯލްޑް ކަޕް ސްޕެއިނާއެކު އުފުލާލުމުގެ ވިސްނުމުގައި ކަމަށާއި މި މުބާރާތުގެ ތަށި އުފުލާލާނީ ސްޕެއިނުން ކަމަށްވެސް ޔަމާލް ވަނީ ބުނެފައެވެ.
2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނޭޝަންސް ލީގުގައި ސްޕެއިންގެ މައްޗަށް ފްރާންސުން ކުރި ހޯދި މެޗަށްފަހު ދެ ފަހަރެއްގެ މަތިން ސްޕެއިނާއި ފްރާންސް ކުރިމަތިލާފައިވެއެވެ. އެއީ 2024 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި އާއި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގުގައެވެ. އެ ދެމެޗުންވެސް މޮޅުވީ ސްޕެއިންއެވެ.
މި މުބާރާތް ސްޕެއިނާއެކު ކާމިޔާބުކުރާނެކަމަށް އަދި ބަލި ނުކުރެވޭވަރުގެ ޓީމެއް ނެތްކަމަށް ޒުވާން ތަރި ޔަމާލް ބުނިއިރު، މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި، ކޭޕް ވާޑޭއާ ދެކޮޅަށް ކުޅެ ސްޕެއިން ވީ އެއްވަރެވެ.
ފީފާ ރޭންކިން އާއި ފުޓުބޯޅައިގެ ތަފާސްހިސާބުތައް އަދި އާބާދީއަށް ބެލި ނަމަވެސް ސްޕެއިންއަށްވުރެ އެތައް ދަރަޖައެއް ފަހަތުގައި އޮތް ކޭޕް ވާޑޭ އަތުން ސްޕެއިނަށް މޮޅު ނުވެވުންވީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމަކަށެވެ.
މީގެއިތުރުން އަނިޔާގެ ކުދިކުދި މައްސަލަތަކާ ހުރެ، ފުރަތަމަ މެޗުގައި ޔަމާލްއަށް ފުރަތަމަ 11 އިން ޖާގަ ދީފައިނުވާއިރު، މި މުބާރާތުގައި ޔަމާލަށް އޭނާގެ އެންމެ މޮޅު ކުޅުން ނުދެއްކޭކަމަށް ވެސް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.