ފީފާ ވޯލްޑްކަޕްގެ ގަދަ 32 ގައި މިރޭ އިންގްލެންޑާއި ދެކޮޅަށް ކޮންގޯ ނިކުންނައިރު މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި މިހާތަނަށް ކުޅޭ އެންމެ މުހިންމު މެޗެވެ.
އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕަކީ ކޮންގޯ އިން ވޯލްޑްކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ.
އެޓްލާންޓާގައި ކުޅޭ މި މެޗަށް ނިކުންނައިރު ކޮންގޯ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބިފައިވަނީ ގްރޫޕް ކޭގެ ތިންވަނައިގައި ހިމެނި ތިންވަނައަށްދިޔަ ޓީމުތަކުގެ ތެރެއިން ގަދަ އަށެއްގައި ހިމެނިގެންނެވެ. ކޮންގޯ އިން ވަނީ ފުރަތަމަ މެޗުގައި 1-1 ގެ ނަތީޖާއަކުން ޕޯޗުގަލް އާއި އެއްވަރުކޮށްފަ އެވެ. ދެވަނަ މެޗުގައި ކޮލަމްބިއާ އަތުން 1-0 ގެ ނަތީޖައަކުން ބަލިވި ނަމަވެސް ފަހު މެޗުގައި 3-1 ގެ ނަތީޖައަކުން ވަނީ އުޒްބެކިސްތާން ބަލިކޮށްފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ އިންގްލެންޑް އިން މި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އެލް ގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.
އިންގްލެންޑް އިން ވަނީ 4-2 ގެ ނަތީޖާއަކުން ކްރޮއޭޝިޔާ ބަލިކޮށްފަ އެވެ. އަދި ގާނާ އާއި ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު ޕެނަމާ އަތުން ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
މި ފަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ އިންގްލެންޑް އިން މި މެޗަށް ނިކުންނައިރު ކޮންގޯގެ އެންމެ ނުރައްކާތެރި ތިން ކުޅުންތެރިން ކަމުގައިވާ އާރޮން ވެން ބިސާކާ އާއި ނޯއާ ސަޑިކީގެ އިތުރުން ޔޯން ވިއްސާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ އަދި އިންގްލޭންޑްގެ ކުޅުންތެރިން ވަރަށް ރަގަޅަށް ދަންނަ ތިން ކުޅުންތެރިންނެވެ.
ތޫމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑް އިން މި މެޗަށް ނިކުންނައިރު މިއީ ފީފާ ވޯލްޑްކަޕެއްގައި އިންގްލޭންޑް އާއި ކޮންގޯ ބައްދަލުކުރާ ފުރަތަމަ މެޗެވެ.
މި މެޗަށް ނިކުތުމުގެ ކުރިން އިންގްލެންޑްގެ ގޯލުކީޕަރު ޖޯޑަން ޕިކްފޯޑް ބުނެފައިވަނީ މިފަދަ މެޗަކަށް ނިކުންނައިރު އެ ޓީމުގައި ތިބި ކުޅުންތެރިންނަކީ ނޮކްއައުޓް މެޗުތަކުގައި ނަތީޖާ ނެރެފައިވާ އަދި އެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން ކަމަށެވެ. އަދި މި މެޗަށް ނިކުންނާނީ މެޗުން މޮޅުވެ ގަދަ 16ގެ ޖާގައެއް ހޯދުމަށް ކަމަށްވެސް ޕިކްފޯޑް ވަނީ ބުނެފަ އެވެ.
ކޮންގޯގެ ޔޯން ވިއްސާ ބުނެފައިވަނީ އިންގްލެންޑް ފަދަ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ނިކުންނަން ލިބުމަކީ ލިބޭ ފަހުރެއް ކަމަށާއި އަދި ހުނަރުވެރި މޮޅު ކުޅުންތެރިން ހިމެނޭ ޓީމަކާއި ދެކޮޅަށް ކުޅޭއިރު އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށެވެ.