ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މިފަހަރު ބާއްވާ އެއް ޤައުމު ކަމަށްވާ މެކްސިކޯގެ ޤައުމީ ޓީމުގެ ތެރޭގައި އޮތް އެއްބައިވަންތަކަމަށް އެޓީމުގެ ކޯޗު ހާވިއޭ އެގުއެރޭ ތައުރީފް ކޮށްފިއެވެ.
އަގުއެރޭ އޭނާގެ ޓީމަށް ތައުރީފް ކޮށްފައިވަނީ 32 ޓީމުގެ ބުރުގައި އެކުއެޑޯ އާއި ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށް މިމުބާރާތުގެ ފަހު 16 ޓީމުގެ ބުރުން މެކްސިކޯ ޖާގަ ހޯދި މެޗަށްފަހު ނޫސްެވެރިންނާއި ވާހަކަ ދައްކަމުންނެވެ.
މިކާމިޔާބީ އާއެކު މެކްސިކޯއިން މިވަނީ 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކް އައުޓް މެޗަކުން މޮޅުވެފައެވެ. އަގުއެރޭވަނީ މިމެޗުގައި މެކްސިކޯގެ ސަޕޯޓަރުން އެޓީމަށް ދިން ތަރުހީބަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އަގުއެރޭ ބުނީ މެކްސިކޯ ޓީމަކީ ބޮޑު އާއިލާއެއް ކަމަށެވެ. މިޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިންނާއި ބެންޗުގައި ތިބޭ ކުޅުންތެރިންގެ އިތުރުން ފަރުދާގެ ފުރަގަހުގައި ހަރަކާތްތެރިވަމުންދާ މިޓީމުގެ ފަރާތްތައް މީގެތެރޭގައި ހިމެނޭ ކަމަށެވެ.
މީގެއިތުރުން މެކްސިކޯ ޓީމުގެ ކުޅުންތެރިންނާއި އެޒްޓެކާ ސްޓޭޑިއަމްއަަށް ކުޅިބަލަން ވަދެތިބި މެކްސިކޯގެ ސަޕޯޓަރުންނާއި ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން އެޓީމަށް މިމެޗު ކާމިޔާބު ކުރުމުގައި އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށެވެ. އަދި މިއީ އޭނާގެ ކޯޗިންގ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީ ކަމަށް އަގުއެރޭ ފާހަގަ ކުރިއެވެ.
މެކްސިކޯގެ ފޯވަޑް އަދި ރޭގެ މެޗުގައި ފުރަަތަމަ ލަނޑު ޖަހައިދީ ދެވަނަ ލަނޑު ޖެހުމަށް އެސިސްޓް ކޮށްދިން ހޫލިއަން ކުއިނޮނޭސް ބުނީ މިކާމިޔާބީ އަމިއްލައަށް ލިބޭ އިނާމްތަކަށްވުރެ މުހިންމު ކަމަށާއި އަދި މިކާމިޔާބީ އަކީ މުޅި ޓީމު ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެކުއެޑޯގެ ޑިފެންްޑަރ އެންޖެލޯ ޕްރެސިއާޑޯ ވަނީ މިމެޗުގެ ފުރަތަަމަ ހާފުގައި އެޓީމަށް ނުކުޅެވުނުކަމަށް އެއްބަސްވެފައެވެ. އަދި މެކްސިކޯއަށް މިކާމިޔާބީ ހައްގު ކަމަށާއި ނަމަވެސް ދެން އަންނަ ވޯލްޑް ކަޕަކަށް އަނެއްކާވެސް ކޮލިފައިވުމަށް މަސައްކަތް ކުރާނެކަމުގައި އޭނާ ބުންޏެވެ. އަދި އެކުއެޑޯގެ ކޯޗު ސެބަސްޓިއަން ބެކަސެސޭ ވަނީ މިމުބާރާތާއެކު އޭނާ އެކުއެޑޯގެ ކޯޗުކަމުން ވަކިވާނެކަން ހާމަކޮށްފައެވެ.
އޭނާ ބުނީ އެކުއެޑޯއަށް ވޯލްޑް ކަޕް ނިމިއްޖެ ކަމަށާއި އަދި އޭނާ ފުރިހަމަ ކުރަން ވައުދުވި ކަންތައް ފުރިހަމަ ނުކުރެވުމުން މަގާމުގައި ދެމި ނުހުންނާނެ ކަމަށެވެ. ނަމަވެސް ބެކަސެސޭވަނީ އޭނާގެ ކޯޗު ކަމުގެ ދަށުން އެކުއެޑޯގެ ޓީމު ހޯދާފައިވާ ކުރިއެރުމާއި މެދު ފަހުރުވެރިވާކަން ހާމަކޮށް ކުޅުންތެރިންނާއި ފެޑެރޭޝަނަށް ޝުކުރު އަދާކޮށްފައެވެ.