ޚަބަރު

ހުޅުމާލޭ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް، ފިހުނު މީހަކަށް ފަރުވާދެނީ!


  • 5 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދީފައިވޭ

  • ފިހިގެން ފަރުވާދެމުންދާ މީހާގެ އަތާއި ފައިގެ %12 ވަނީ ފިހިފައި

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ 110 ނަންބަރު ފުލެޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
110 ނަންބަރު ފްލެޓުގެ އެންމެ ތިރީ އެޕާޓްމަންޓެއްގައި ހިނގި މިހާދިސާގައި އެކި ވަރުގެ ގެއްލުންތަކެއް ލިބުނު 5 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ. މީގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާގެ މައުލޫމާތު ރޭ 01:10 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު، އެފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް 01:23 ހާއިރު އަލިފާން ނިއްވާލާފައެވެ.


ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިންގ ރޫމުގައި އޮތް 'ޓޫލް މެލްޓިންގ ޑިވައިސް' އެއްގައި ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށެވެ.

މި ހާދިސާ ހިނގިއިރު އެ އެޕާޓްމަންޓުގައި ތިބި 7 މީހުންގެ ތެރެއިން 5 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ. މީގެ ތެރޭގައި ކުޑަ 2 ކުއްޖަކާއި، ބޮޑު 3 މީހަކު ހިމެނެއެވެ. މީގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ ދޫކޮށްލާފައެވެ. ފަރުވާދެމުންދަނީ ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ.

މި ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދިރިނޫޅެވޭ ވަރަށް ތަން ވަނީ ހަލާކުވެފައެވެ. އެންޑީއެމްއޭ އިން މިހާރު ދަނީ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން އެފުލެޓުގެ 1ވަނަ އަދި 3 ވަނަ ފަންގިފިލާގެ 2 އެޕާރޓްމަންޓަކަށްވެސް ދިރިނޫޅެވޭ ވަރަށް ދުމުގެ އަސަރުކޮށްގެން އިތުރު 8 މީހަކަށް ރޭ ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.

ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް އެއާއިލާއަށް ބޭނުންވާ ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށާއި، އެތަނަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.