ޚަބަރު

ރިސޯޓު ކުލީގެ މުއްދަތު އިތުރުކޮށްގެން ދައުލަތަށް 120 މިލިޔަން ޑޮލަރު


  • ބިން ވިއްކުމާއި ބަދަލު ކުރުމަށް ނަގާ ފީގެ ގޮތުގައި 196 މިލިއަން ރުފިޔާ

  • 8 ފަރާތަކުން ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމަށް ފީދައްކާފައިވޭ

ފާއިތުވި އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް 120 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ) ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާ ރިޕޯޓުން ދައްކާގޮތުން 2025ވަނަ އަހަރު ރިސޯޓު ކުލީގެ މުއްދަތު އިތުރު ކުރުމަށްދިން ފުރުޞަތުގައި، 18 ފަރާތަކުން ރިސޯޓު ކުލީގެ މުއްދަތު އިތުރުކުރުމަށް ފީދައްކާފައިވެއެވެ. އަދި ރިސޯޓުތައް ތަރައްގީ ކުރުމަށް 15 ފަރާތަކުން ވަނީ ބިން ވިއްކުމާއި ބަދަލު ކުރުމަށް ނަގާ ފީގެ ގޮތުގައި 196 މިލިއަން ރުފިޔާ ދައްކާފައެވެ.

ޓުއަރިޒަމް ޤާނޫނުގައި ކުރިން އޮންނަ ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމަށް ދައްކާ ފީގެ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދައްކަންޖެހެއެވެ. އެ ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަން ޖެހޭ އިރު، 6 މަހަށް ވުރެ ދިގު މުއްދަތަކުން އެ ފައިސާ ދައްކާނަމަ ކޮންމެ އަހަރަކު ދެ ލައްކަ ޑޮލަރުގެ ފީއެއް ދައްކަން ޖެހެއެވެ.

ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ވަކި މުއްދަތަކަށް ކުޑަ އަގެއް ދެއްކޭ ގޮތް ހަދަން ޓޫރިޒަމާ ބެހޭ ގާނޫނަށް ނިމިދިޔަ އަހަރު ގެނެސްފައިވާ ބަދަލާއި އެކު، މުއްދަތު އިތުރު ކުރުމަށް އަވަހަށް ފައިސާދެއްކުމުން ރިސޯޓްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ލިބިފައެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ދޫކުރުމަށްފަހު، އެ ތަނުގެ މުއްދަތު 49 އަހަރަށް އިތުރުކުރާ ހާލަތުގައި، ދައްކަން ޖެހެނީ 5މިލިޔަން ޑޮލަރެވެ. އަދި އެ މުއްދަތު 20 އަހަރަށް އިތުރުކުރާ ނަމަ ދައްކަން ޖެހޭނީ 2.5 މިލިއަން ޑޮލަރެވެ.

25 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު ދައްކަންޖެހޭނެއެވެ. އެ ފައިސާ ދައްކަން ޖެހޭނީ އެއްފަހަރާއެވެ. ހަމައެހެންމެ، އެ އިސްލާހަށް އަމަލުކުރަން ފަށާތާ 6 މަސް ފަހުން 49 އަހަރަށް މުއްދަތަށް އިތުރަން ބޭނުންނަމަ އެއް ފަހަރާ 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 179އަށް އަރާފައެވެ. މިއާއެކު މިހާރު ރިސޯޓުތަކުގައި ހުރި ޖުމުލަ އެނދުގެ އަދަދު ވަނީ، 44,977އަށް އިތުރުވެފައެވެ.