ޚަބަރު

ވާދޫ ރިސޯޓް ކައިރިއަށް ދޯންޏެއް އަޑިއަށް ހިނގައްޖެ


ކ.ވާދޫ ރިސޯޓު ކައިރިން މުދާ އުފުލާ ދޯންޏެއް އަޑިއަށް ދިޔުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 07:23 ހާއިރު ލިބުމާއެކު ކޯސްޓްގާޑުގެ ޓީމެއް އެސަރަޙައްދަށް ގޮސް، އަޑިއަށް ގޮސްފައިވާ ދޯނި ފުންކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. 

މިހާދިސާ ހިނގިއިރު، މި ދޯނީގައި ދެ ދިވެހިންނާއި ބިދޭސީއަކު ތިބިކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ތިން މީހުންވެސް ކަނޑުމަތިން އަދާރަން ވާދޫ ރިސޯޓުގެ ލޯންޗަކަށް ނަގާފައިވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. 

މިހާދިސާ ހިނގާފައިވަނީ، 75 ފޫޓްގެ މި ދޯނި ވިލިމާލެއިން ހިލައާއި ހިލަވެލި ބަރުކޮށްގެން މަނިޔަފުއްޓަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ދޯނި އަޑިއަށް ދިޔުމާ ގުޅިގެން މި ދޯނީގައި ހުރި މުދަލާއި ސާމާނު އޮޔާދާނެތީވެ، އެސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.