ޚަބަރު

ރޯޑް ސޭފްޓީ ވީކާ ގުޅުވައިގެން ޚާއްޞަ ހިނގާލުމެއް


  • މި އަހަރުގެ ޝިއާރަކީ "ފުރާނައިގެ ސަލާމަތަށް އަޑު އުފުލަމާ" މި ޝިޢާރު

  • ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 2500 އެއްހާ ހާދިސާ ހިނގާ

ކޮންމެ އަހަރަކުވެސް ފާހަގަކުރާ "ރޯޑް ސޭފްޓީ ވީކް" ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުމަކީ ހުޅުމާލެ ހޮސްޕިޓަލާއި، އެޗް.ޑީ.ސީއާއި، ފުލުހުންނާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އެމްޓ.ސީސީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މުއްސަސާތައްވެސް ބައިވެރިވެގެން ބޭއްވި ހަރަކާތެކެވެ.

މި ހިނގާލުން ކުރިއަށްދިޔައީ މިއަދު ހަވީރު ހުޅުމާލޭ ފޭސް1 ރުއްގަނޑު 2 ސަރަޙައްދު ކުރިމަތިން ހުޅުމާލެ ހޮސްޕިޓަލާ ހަމައަށެވެ.

މި ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވީ، މަގުމަތީގައި ހިނގާ ގިނަ އެކްސިޑެންޓުތައް ހިނގަން މެދުވެރިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް ނޭޅޭތީކަމަށެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށް ކަމާގުޅޭ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ

"ރާއްޖޭގެ އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާތަކުގެ މީހުންނަށް. ރައްކާތެރިވެވެން އޮތް ކަމަކުން ޅަ އުމުރުގައި ދުނިޔެ ދޫކުރާ ފަރާތްތަކަށް ނުކުޅެދުންތެރިވާ ފަރާތްތަކަށް ކުރާ އަސަރު އެތައް ގުނައަކުން އިތުރު ވެގެންދާނެ. ސަރުކާރުގެ ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތްކާއި މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތައއ ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް." ވަޒީރު ވިދާޅުވިއެވެ.

މި ހިނގާލުމުގެ ބައިވެރިންވަނީ ހިނގާލުމުގެ ތެރެއިން ރޯޑް ސޭފްޓީއާގުޅޭ ތަފާތު ޝިއާރުތަކާއި މެސެޖުތައް ލިޔެފައިވާ ބޯޑާއި ބެނާތައް ބޭނުންކޮށްފައެވެ. އަދި ހިނގާލުމުގެ ތެރެއިން ކުޅެފައިވާ އެކްސިޑެންޓް ސީންތަކެއްވެސް އާއްމުންނަށް ދައްކާލާ، ހޭލުންތެރިކުރުމަށް މަޢުލޫމާތުތައް ފޯރުކޮށްދީފައިވެއެވެ.

މި އަހަރުގެ ރޯޑް ސޭފްޓީ ވީކްގެ ޝިއާރަކީ "ފުރާނައިގެ ސަލާމަތަށް އަޑު އުފުލަމާ" މި ޝިޢާރެވެ. މި ޝިޢާރުގައި އަލިއަޅުއްވާލައްވާފައިވަނީ މަގުމަތީގައި ހިނގާ، އަދި ދުއްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ތަރައްގީ ވަމުން އަންނަ މިކުޑަ ރާއްޖޭގައި ވެސް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން އަނިޔާވާ މީހުންނާއި ދުނިޔެ ދޫކުރާ މީހުންގެ ޢަދަދު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ރާއްޖޭގެ މަގުތަކުގައި އެވްރެޖްގޮތެއްގައި ކޮންމެ އަހަރަކު 2500 އެއްހާ ހާދިސާ ހިނގައެވެ. މި އެކްސިޑެންޓު ތަކުގައި އެތައްބައެއްގެ ފުރާނަގެއްލި ނުކުޅެދުންތެރިކަން ތަހައްމަލް ކުރަންޖެހެއެވެ.

މިފަދަ ހާދިސާތައް އިތުރުވެ ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިއުމުގެ ކުރިން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.