ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ނޭޕާލަށް ވަޑައިގެންފި


ނޭޕާލްގެ އަސްކަރިއްޔާގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ނޭޕާލަށް ވަޑައިގެންފިއެވެ. 

މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ޗީފް އޮފް ޑިފެންސް ފޯސް ނޭޕާލަށް ކުރައްވާ މި ދަތުރުފުޅުގައި ނޭޕާލުގެ ރައީސް، ބިދްޔާ ދޭވީ ބަންޑާރީ އާއި އެޤައުމުގެ ބޮޑު ވަޒީރު، ޕުޝްޕާ ކަމާލް އާއި ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ރަޖެންދުރާ ޗެތުރީގެ އިތުރުން ނޭޕާލް އަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14767739365991.jpg|ޗީފް އޮފް ޑިފެންސް ފޯސް ނޭޕާލަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސްގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި އެ ޤައުމުގެ އިސް ބޭފުޅުންނާއެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

މިދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ވައިސް ވަޙީދު ބައިވެރިވެވަޑައިގަންނަވައެވެ.