ފުވައްމުލަކު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން މިސްކިތްމަގު އެންމެންގެ ގުޅުން މުބާރާތުން ކަޓައިފިއެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން މިސްކިތްމަގު މުބާރާތުން ކެޓީ ސެމީފައިނަލްގައި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯއިއޭޝަން ފިސްޑާއާ ވާދަކޮށް ތިންސެޓް އެއްސެޓުން ބަލިވެގެންނެވެ. ފިސްޑާ ތިންސެޓް ކާމިޔާބުކުރީ މިސްކިތްމަގު ސެޓެއް ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާއެވެ.
މެޗްގެ ފުރަތަމަ ސެޓް މިސްކިތްމަގު ކާމިޔާބުކުރީ 16-25 އިންނެވެ. ޖެހިގެން އައި ތިންސެޓް ފިސްޑާ ކާމިޔާބުކުރީ 15-25، 23-25 އަދި 21-25 އިންނެވެ. މިމުބާރާތުގައި މިދެޓީމް ވާދަކުރި ފުރަތަމަ މެޗް ހަމަ މިނަތީޖާއިން ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. އަންހެން ޑިވިޝަންގެ ފައިނަލް މެޗްގައި ފިސްޑާއާ ވާދަކުރާނީ ތާވަލްގެ އެއްވަނަ ހޯދަޑު ސްޕައިކާސްއެވެ. ފައިނަލް މެޗް ކުޅޭނީ މާދަމާރޭ އަށްގަޑި ތިރީހުގައެވެ.
މިމުބާރާތުގައި މިރޭ އޮންނާނީ ފިރިހެން ޑިވިޝަންގެ ސެމީފައިނަލް ތިންވަނަ މެޗެވެ. މި މެޗްގައި ބައްދަލުކުރާނީ ފިސްޑާއާއި މީދޫ ވޮލީ ޓީމެވެ. މިއަދު ހަވީރު ހަތަރެއް ޖަހާއިރު ފަށާ މިމެޗް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.