ޚަބަރު

ކުތުބުޚާނާތަކަކީ ޞައްޙަ މަޢުލޫމާތު ހޯދައިދިނުމުގެ އާރުކާޓީއެއް: ވަޒީރު ހީނާ


  • ޤައުމީ ކުތުބުޚާނާއަށް 81 އަހަރު ވަނީ ފުރިފައި

  • މިއީ ޙިލްމު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއް

ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ބޭނުންވާ ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއްކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޤައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާއި، ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޤައުމީ ކުތުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަރުޝީފެވެ. ތަފާތު ވައްތަރުގެ ފޮތްތަކާއި ދިވެހިންގެ ތާރީޚް އެނގޭނެ އެކި ފޮތްތައް މިކުތުބުޚާނާއިން ލިބެން އެބަހުއްޓެވެ. ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ ކުތުބުޚާނާތަކަކީ ޢިލްމާއި ޙިލްމު ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ މުއައްސަސާތަކެއްކަމަށެވެ. ކިޔުންތެރިކަމުގެ ތެރެއިން މި މާތް މަޤްޞަދު ޙާޞިލުކޮށްދިނުމުގެ އިތުރުން، ކުތުބުޚާނާތަކަކީ ދިރިއުޅުމުގައި ބޭނުންވާ ޞައްޙަ މަޢުލޫމާތު ހޯދުމަށް މަގުކޮށައިދޭ އާރުކާޓީއެއްކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ތަރިކައާއި އަސާރުތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މާއްދީ ތަރިކަތަކާއި، މަޢުނަވީ ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތެއް ތަންފީޒްކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

ޤައުމީ ކުތުބުޚާނާއިން އެންމެ އިސްކަމެއްދީގެން މިހާރު ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ސިޓީތަކުގައި ޒަމާނީ ލައިބްރަރީތަކެއް ޤާއިމްކޮށް، އުނގެނުމާއި ދިރާސާކުރުމުގެ ޝައުގުވެރިކަން ޒުވާން ޖީލުތަކުގައި އަށަގެންނެވުމެވެ. އެކަމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ނެޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމުގެ މަސައްކަތް ހިމެނެއެވެ. ރާއްޖޭގެ ސިޓީތަކުގައި ޒަމާނީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ޤައުމީ ކުތުބުޚާނާގެ ގޮތްޕެއް އިމާރާތްކުރުމަށްޓަކައި މަސައްކަތް ކުރިއަށްދާކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ޤައުމީ ކުތުބުޚާނާ އަކީ ދިވެހިންގެ މަޢުލޫމާތުގެ ޚަޒާނާއަށް ވީއިރު، މިއީ ރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ މަޢުލޫމާތާއި، އަހަރުން އަހަރަށް ހެދޭ އެކިކަހަލަ ދިރާސާތަކާއި ބެހޭ ފުރިހަމަ މަޢުލޫމާތު ލިބިދޭ ތަނެވެ. ރާއްޖޭގައި ޝާއިޢުކުރެވޭ މުހިއްމު ލިޔުންތައް ކުތުބުޚާނާގައި ރައްކާކުރެވިފައިވެއެވެ. ކުތުބުޚާނާއިން މިހާރުވެސް ގިނަ ޚިދުމަތްތަކެއް ލިބެމުންދާއިރު އަދިވެސް އެތަނުންދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ.