ކުޅިވަރު

މެސީގެ ހެޓްރިކުން ބާސެލޯނާ މޮޅުވެއްޖެ


މެސީގެ މޮޅު ކުޅުމާއެކު ބާސެލޯނާ މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރިހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއާ މެންޗެސްޓަރ ސިޓީ ބާސާ ދަނޑުގައި ކުޅުނު މިމެޗް ބާސެލޯނާ ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ބާސެލޯނާއަށް ލީޑު ހޯދަދިނީ ލަޔަނަލް މެސީއެވެ. ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު ސިޓީގެ ކީޕަރ ކްލައުޑިއޯ ބްރާވޯ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން އޭނާއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

 ދިހަ ކުޅުންތެރިންނާއެކު ސިޓީ ކުޅެން ޖެހުމުން އޭގެ ފައިދާ ނަގައި ގާތް ގާތު މެސީ އިތުރު ދެލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއެވެ. މިމެޗްގެ ފަހު 15 މިނެޓް ބާސެލޯނާވެސް ކުޅެން ޖެހުނީ ދިހަ ކުޅުންތެރިންނާއެކުއެވެ. ޖެރެމީ މެތިއުއަށް ދެއްކި ރަތްކާޑާއެކު ބާސެލޯނާ ވެސް ދިހަ ކުޅުންތެރިންނަށް މަދުވިއިރު މެޗްގެ އަށްޑިހަ ހަތްވަނަ މިނެޓްގައި މެސީއަށް ކުރި ފައުލަކާ ގުޅިގެން ބާސެލޯނާއަށް ޕެނަލްޓީއެއް ލިބުނެވެ. ނޭމާ ފޮނުވާލި ޕެނަލްޓީ ސިޓީގެ ކީޕަރ ދިފާޢު ކުރިއިރު އޭގެ ދެމިނިޓް ފަހުން ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނޭމާއެވެ. 

 މިއީ ޗެމްޕިއަންސް ލީގުގައި ސިޓީ ކޮޅަށް ހަތަރު ލަނޑު ވަތް ފުރަތަމަ މެޗެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސީ ގައި 9 ޕޮއިންޓާއެކު ބާސެލޯނާ އޮތީ ތާވަލްގެ އެއްވަނައިގައެވެ. 4 ޕޮއިންޓާއެކު ސިޓީ ދެވަނައިގައި އޮތްއިރު ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ރޭ ސެލްޓިކްގެ މައްޗަށް ކުރިހޯދި ބޮރޫޝިއާ މޮންޝެން ގްލެޚްބާއެވެ.