19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕް ޓީސީން މޮޅަކުން ނިންމާލައިފިއެވެ. ފުރަތަމަ ހަތަރު މެޗުންވެސް ބަލިވެފައި އޮތް ޓީސީން އެމީހުންގެ ފަހު މެޗުގައި ކުރި ހޯދީ ކެޔޮދޫއާ ވާދަކޮށް 5-2 ނެވެ.
ފުރަތަމަ މެޗު ކާމިޔާބުކުރި ކެޔޮދޫ ކޮޅަށް ފުރަތަމަ ހާފްގައި ޓީސީއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ނައްވާފް އަބްދުالله ނަޝީދު އެވެ. ކެޕްޓަން އަސްލާން ދިން ބޯޅަ ނައްޗާފް ފުރަތަމަ ފޮނުވާލުމުން ކީޕަރު އަތުގައި ޖެހިފައި ނިކުއިން ވަގުތު ދެވަނަ ފަހަރަށް ބޯޅަ ހޯދައިގެން ގޯލަށް ފޮނުވާލިއެވެ.
ޓީސީގެ ދެވަނަ ލަނޑު ޖެހީ މުޙައްމަދު ޔަނާލް ޔާސިރުއެވެ. ޔަނާލު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. ތިންވަނަ ގޯލަކީ މުޙައްމަދު ޔޫހާން ފާއިޒު އަށް އަންވަރު ބިން އަހުމަދު ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ.
ޕެނަލްޓީ ކާމިޔާބުކުރީ ޑިފެންޑަރ އަލީ ހައިޒޫމް ހަސަންއެވެ. އެފައުލާ ގުޅިގެން ލިބުނު އަނިޔާގެ ސަބަބުން ޔޫހާން ވަނީ ބަދަލުކޮށްފައެވެ. ޓީސީގެ ހަތަރު ވަނަ ލަނޑު ޖެހީ ފުރަތަމަ ލަނޑުވެސް ޖެހި ނައްވާފް އެވެ. ޓީސީގެ ފަހު ލަނޑު ޖެހީ ކެޕްޓަން އަސްލާން އެވެ. ތިރިތިރިން އަސްލާން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ކަނަށެވެ.
މެޗުގައި ކެޔޮދޫން ފުރަތަމަ ލަނޑު ޖެހީ ޓީސީން ތިން ލަނޑު ޖެހިފަހުން އަޒްޔާން އާދަމް ރަޝީދު އެވެ. ކޯނަރަކުން އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ އަޒްޔާން ގޯލަށް ފޮނުވާލީ ބޮލުންނެވެ. ކެޔޮދޫގެ ދެވަނަ ލަނޑު ޖެހީ ހުސައިން ކިނާން އަޝްރަފް އެވެ. ކެޔޮދޫ އާއި ޓީސީ ވެސް މުބާރާތް ނިންމާލީ 3 ޕޮއިންޓާއެކުއެވެ. މީގެއިތުރުން ބުރަށްވެސް ލިބުނީ ތިން ޕޮއިންޓެވެ.
ފައިނަލްގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ ނިއުރޭޑިއަންޓެވެ. ދެވަނަ ޖާގަ ލިބޭނީ އަންގާރަ ދުވަހު ހަވީރު މާޒިޔާއާއި އޮޑި ސްޕޯރޓްސް ކްލަބް ވާދަކޮށް މޮޅުވާ ޓީމަކަށެވެ. އެއްވަރު ވެއްޖެނަމަ ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ މާޒިޔާ އަށެވެ.