ޚަބަރު

އާ ސީޒަން ފެށުމުގެ ކުރިން ލިވަޕޫލަށް އިތުރު ކުޅުންތެރިން ބޭނުންވޭ: އަރައޯލާ


  • އަރައޯލާ ލިވަޕޫލުގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ އާނަރ ސްލޮޓް މަގާމުން ވަކިކުރުމުން

އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކްލަބް ކަމަށްވާ ލިވަޕޫލަށް އާ ސީޒަން ފެށުމުގެ ކުރިން އިތުރު ކުޅުންތެރިން ބޭނުންވާކަމަށް އެޓީމާއި ވަރަށް ފަހުން ހަވާލުވި ކޯޗު އެންޑޯނީ އަރައޯލާ ބުނެފިއެވެ.

އަރައޯލާ މިހެން ބުނެފައިވަނީ ލިވަޕޫލާއި ހަވާލުވިފަހުން ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައި ވާހަަކަ ދައްކަމުންނެވެ. އަރައޯލާ ބުނީ ލިވަޕޫލުން މިހާރު ދެ ކުޅުންތެރިން ސޮއި ކޮށްފައިވާކަމަށާއި ނަމަވެސް އިތުރު ކުޅުންތެރިން ބޭނުންވާކަން އޭނާ ފާހަގަ ކުރިއެވެ. މިކަން ކްލަބްގެ މެނޭޖްމަންޓަށް އެނގޭ ކަމަށާއި އަދި ކްލަބުން އެކަން ކުރަމުންދާކަމަށްވެސް އޭނާ ބުންޏެވެ.

ނިމިގެންދިޔަ ޕްރިމިއަރ ލީގުގެ ސީޒަން ފަސް ވަނައިގައި އޮވެގެން ނިންމާލި ލިވަޕޫލްއިން މިހާތަނަށް ވަނީ ފްރެންޗް ލީގު އާންގެ ސްޓާޑް ރެނޭއަށް ކުޅޭ ޜެރެމީ ޜަކޭ އާއި ސްޕެނިޝް ލަލީގާގެ އޮސަސޫނާ އަށް ކުޅޭ ވިކްޓަރ މުނޯޒް އެޓީމަށް ގެންގޮސްފައެވެ. އަރައޯލާ ބުނީ ކޯޗެއްގެ ހައިސިއްޔަތުން އޭނާ ބޭނުންވާ ކުޅުންތެރިިން އެންމެ ފުރަތަމަ ދުވަހުން ފެށިިގެން ބޭނުންވާކަމަށާއި ނަމަވެސް މިއީ މިކަހަލަ ކަންތައްތައް ވާގޮތް ނޫންކަން އޭނާއަށްވެސް އެނގޭ ކަމަށެވެ.

އަރައޯލާ ލިވަޕޫލްގެ ކޯޗު ކަމާއި ހަވާލުވެފައިމިވަނީ އެމަގާމުގައި ވޭތިވެދިޔަ ދެ ސީޒަންގައި ހުރި އާނަރ ސްލޮޓް މަގާމުން ވަކިކުރުމުންނެވެ. އަދި އޭނާއަށް ޖެހިފައިވާ އެންމެ ބޮޑު މަސައްކަތަކަށް ވެފައިވަނީ ލިވަޕޫލް ކުރިން އޮތް ހާލަތަށް އަނބުރާ ގެންދިިއުމެވެ. މީގެއިތުރުން ޓީމުގައި ތިބި ދިގު މުންދަތަށް އަނިޔާވެފައިވާ ކުޅުންތެރިންގެ ކަންތަކަށްވެސް ހައްލެއް ހޯދަން ޖެހޭކަމުގައި އޭނާ ފާހަގަ ކުރިއެވެ. އެޓީމުގައި ދިގުމުއްދަތަށް އަނިޔާވެފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހޫގޯ އެކިޓެކޭ، ކޯނޯ ބްރެޑްލީ އަދި ޖިއޮވާނީ ލެއޯނީ އެވެ.

ސްޕެއިން ޤައުމީ ޓީމަށް ކުރިން ކުޅެފައިވާ އަރައޯލާވަނީ 2003 އިން 2015 އަށް ލަލީގާގެ އެތުލެޓިކް ބިލްބާއޯއަށް ކުޅެފައެވެ. އަދި ޕްރިމިއަރ ލީގުގެ ބޯންމޯތުގެ ކޯޗުކަމާއި ހަވާލުވެފައިވަނީ 2023 ވަނަ އަހަރުއެވެ. އަދި އޭނާގެ ކޯޗުކަމުގެ ދަށުން ނިމިދިޔަ ސީޒަން ބޯންމޯތު ނިންމާލާފައިވަނީ ލީގުގެ ހަވަނައިގައި އޮތުމުގެ އިތުރުން ޔޫރޮޕާ ލީގުން ޖާގަ ހޯދައިގެންނެވެ. ބޯންމޯތުގައި އަރައޯލާ ގެންގުޅޭ ކުޅުމުގެ ސްޓައިލަށް ވަނީ ގިނަ ބައެއްގެ ތައުރީފް ލިބިގެން ގޮސްފައެވެ. ނަމަވެސް އަރައޯލާ ބުނީ ލިވަޕޫލްގައި ގެންގުޅޭނެ ކުޅުމުގެ ސްޓައިލް އެގޮތަށް ގެންގުޅެން ބޭނުންވި ނަމަވެސް ކުޅޭ ސްޓައިލް ވަރަށް ބޮޑަށް ޓީމުގައި ތިބޭ ކުޅުންތެރިންނަށް ބިނާވެގެންދާނެކަމަށެވެ. އެހެން ކަމުން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ވާހަކަ ދައްކާ އެކުޅުންތެރިންގެ ވިސްނުން ހުރިނެތްގޮތްވެސް ބަލާނެކަމަށް ލިވަޕޫލްގެ އާ ކޯޗު ބުންޏެވެ. އަދި ޓީމުގެ ކުޅުން ބިނާކުރާނީ ޕްރީ ސީޒަންގައި ކުޅުންތެރިންގެ ފަރާތުން ފެންނަ ކުޅުމަށް ބެލުމަށްފަހު ކަމަށް އޭނާ ބުންޏެވެ.

ލިވަޕޫލް އިން އާސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރަށުން ބޭރުގައި ނިއުކާސްލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުންނެވެ.