މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން ހިމަބިހީގެ 23 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ ޢަދަދުވަނީ 144 އަށް އަރާފައެވެ.
ރާއްޖެއިން ހިމަބިހި ނައްތާލިފަހުންވެސް ބައެއް ދުވަސްވަރު ހިމަބިހީގެ ކޭސްތައް ފެނެއެވެ. ރާޢްޖެއިން މިބަލި އެއްކޮށް ނައްތާލާފައިވިނަމަވެސް، ހިމަބިހީގެ ފުރަތަމަ ކޭސް ފެނުމާއެކުވެސް އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން ފެށީ، އެކަމަށްޓަކައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، ބަލި ޖެހިފައިވާ މީހުންނާއި ބައްދަލުވީ މީހުން ދެނެގަނެ ވެކްސިން ދިނުމާއި، އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިފިޔަވަޅުތަކާއި މިހާރުވަނީ ބަލި ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު ދަށްވާން ފަށާފައެވެ.
ވޭތުވެދިޔަ ހަފްތާގައި ހިމަބިހި (މީސްލްސް) ކޭސްތަކުގެ އަދާހަމަ #measles pic.twitter.com/agQYH9HBuM
— Health Protection Agency (@HPA_MV) July 14, 2026
އެޗްޕީއޭއިން ހާމަކޮށްފައިވާ ހިމަބިހީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ ޢަދަދު ދަށްވެފައިވާކަންވަނީ، ފާހަގަވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ، 23 މީހުންނެވެ. މިއާއެކު ރާއްޖޭގައި 144 މީހުންނަށް ހިމަބިހި ޖެހިފައިވާ ކަމަށް ވަނީ ރިކޯޑު ކުރެވިފައެވެ.
ހިމަބިހި ފެތުރެން ފެށުމާއެކު އެޗްޕީއޭއިންވަނީ، ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާކަން ކަށަވަރުނުވާ ފަރާތްތައް ހިމެނޭހެން ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7،100 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިންވަނީ، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަރުވާ ހޯދުމަށް ސިއްޙީ ފަރުވާދޭ ތަނަކަށް ދާއިރުވެސް މާސްކު ބޭނުން ކުރުމަށާއި، ހުމާއި ރޯގާގެ އަލާމާތެއް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު ބޭނުން ކުރުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ހިމަބިއްސަށް ޝައްކު ކުރެވޭނަމަ ޓެސްޓު ކުރުމަށްފަހު ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށްވެސް ވަނީ، އިލްތިމާސް ކުރައްވާފައެވެ.
ފަސޭހަކަމާއެކު ގައިންގަޔަށް އަރާ މިބަލިން ރައްކާތެރިވުމަށް ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަކީ، ފަރުދީގޮތުން ކުރަންޖެހޭ މުހިއްމު ކަމެކެވެ.