ފީފާ ވޯލްޑް ކަޕް 2026 އާއި ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށްގެންދާ ކަވަރޭޖުގައި ބައިވެރިވާ ޕްރެޒެންޓަރުންނާއި އެނަލިސްޓުންގެ އަގުވަޒަންކޮށް، ޙާއްސަ ޙަފްލާއެއް ބާއްވައިފިއެވެ.
ޕީއެސްއެމް ޓީވީ ބިލްޑިންގައި ބޭއްވި މި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފެވެ. މި ޙަފްލާގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަކީބް، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމީން ރަޝީދު އަދި ޕީއެސްއެމްގެ ބޯޑު މެމްބަރުންނާއި ސީނިއަރ މެނޭޖްމަންޓުގެ އިތުރުން ކަވަރޭޖުގެ ޕްރެޒެންޓަރުންނާއި އެނަލިސްޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗާއި ފައިނަލް މެޗު އަދި ތިންވަނަ ހޮވާ މެޗު ހިމަނައިގެން ޖުމްލަ 104 މެޗު، ޕީއެސްއެމްގެ ކަވަރޭޖުގައި ހިމެނޭއިރު، މި ކަވަރޭޖް ދިވެހިންނާ ހަމައަށް ގެނެސްދިނުމުގައި ހަތް ޕްރެޒެންޓަރުން ބައިވެރިވެފައިވެއެވެ.
އަދި މެޗުތަކާ ގުޅޭ ތަފްޞީލީ މުހިންމު މައުލޫމާތުތައް ގެނެސްދޭ މެޗު ޝޯވްތަކުގައި 11 އެނަލިސްޓުން، ވަރަށް ފުރިހަމަ މައުލޫމާތުތަކަކާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހުރިހާ ފަރާތްތަކަކުން މި ކަވަރޭޖް ފުރިހަމަކުރުމަށް ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މި ހުރިހާ ފަރާތްތަކަކަށް، އަދި ދިވެހިރާއްޖޭގެ އަޑުން، މެޗުތަކުގެ ލައިވް ކޮމެންޓްރީ ގެނެސްދެއްވި ފަރާތްތަކަށް ޙާއްސަ ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. އެ ފަރާތްތަކާ މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބުރައީސް ޙުސެއިން މުޙައްމަދު ލަޠީފެވެ.