ޚަބަރު

ހޯރަފުށި ހާފްވޭ ހައުސްގައި ތިބި ކުދިންތަކެއް އެ ރަށު މީހަކަށް ހަމަލާދިން މައްސަލައެއް


  • އަނިޔާކުރިކަމަށް ތުހުމަތު ކުރަނީ 3 ކުއްޖެއްގެ މައްޗަށް

ހއ. ހޯރަފުށީގައި ޤާއިމުކޮށްފައިވާ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު، ނުވަތަ ހާފްވޭ ހައުސްގައި ތިބި ކުދިންތަކެއް އެ ރަށުގެ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކާ ގުޅޭގޮތުން އެފަދަ މައްސަލައެއް ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ ކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވަނީ މި ކުދިން އެ މަރުކަޒުން ނުކުމެ، އެ ރަށުގެ މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ރިޕޯޓެއްކަމަށެވެ.

މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުންނާއި މެސެޖުތަކުގައި ފާހަގަކޮށްފައިވާގޮތުގައި އެ ކުދިން ހަމަލާ ދީފައިވަނީ ބަނދަރުގައި މަސް ބާނަން ހުރި މީހަކަށެވެ. އެ މީހާ ރަހީނުކުރުމަށްފަހު އަނިޔާކޮށް، ފަޅުގެއެއްގެ ތެރެއަށް އެއްލާފައި އޮތް ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ހޯރަފުށީގައި ގާއިމުކުރި ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާފައިވާ މަރުކަޒެކެވެ.