ޚަބަރު

އެމްއައިބީ ގެސްޓްހައުސް އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި


  • ތިން ދާއިރާއަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައި

  • އެމްއައިބީގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް މިއެވޯޑަށް ފޯމު ހުށަހެޅޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަލުވިކަމާއެކު ކުރިއަރަމުންދާ ގެސްޓްހައުސް ސެކްޓަރުގެ މެދުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ޚިދުމަތްތެރިންގެ އަގުވަޒަންކުރުމަށްޓަކައި މުޅިން އަލަށް ތައާރަފުކުރި އެވޯޑެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގެސްޓްހައުސްތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންގެ އިތުރުން ރަށު ކައުންސިލްތަކަށް ވެސް މިއެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އެވޯޑު ދިނުމުގެ މައިގަނޑު މަޤްސަދަކީ ޚިދުމަތުގެ ފެންވަރު ރަނގަޅަށް ދިނުމާއި، ދިވެހިވަންތަ ސަގާފީ ތަޖުރިބާތައް ފޯރުކޮށްދިނުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް މަސައްކަތްކުރުމުގެ އިތުރުން ރަށްރަށުގެ ތަރައްގީއަށާއި މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށް އެމްއައިބީން ވިދާޅުވެއެވެ. އެވޯޑުގެ ހުރިހާ މަރުހަލާއެއްގެ އިވެލުއޭޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިނިވަން އަދި ހާމަކަން ބޮޑު ނިޒާމެއްގެ ދަށުން ކަމަށާއި މިއެވޯޑުތަކުގެ މިނިވަން އިވެލުއޭޝަން ޕާޓްނަރެއްގެ ގޮތުގައި އެމްއައިބީން ހަމަޖައްސާފައިވަނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީ ކަމަށް އެމްއައިބީން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ތިން ދާއިރާއަކުން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކަށް ޚާއްސަ 8 އެވޯޑަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރުދުންގެ އަގުވަޒަންކުރުމަށް ދޭ 3 އެވޯޑެއްގެ އިތުރުން، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ބޮޑު އެއްބާރުލުމެއްދޭ ރަށަކަށްދޭ "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" ހިމެނެއެވެ.

އެކި ފަންތީގެ ގެސްޓްހައުސްތަކުގެ މެދުގައި އިންސާފުވެރި މުބާރާތެއް ބޭއްވުމަށްޓަކައި ކޮޓަރީގެ އަދަދަށް ބަލައި ދެ ގްރޫޕަކަށް ބަހާލައިގެން އެވޯޑުތައް ވަޒަންކުރުމަށް އެމްއައިބީން ވަނީ ނިންމާފައެވެ. އެއީ 3 ކޮޓަރިއާއި 10 ކޮޓަރިއާ ދެމެދުގެ ކުދި ގެސްޓްހައުސްތަކަށް ޚާއްސަ ޓިއާ 1 އަދި 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކަށް ޚާއްސަ ޓިއާ 2 އެވެ.

މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކަށް އެމްއައިބީގެ ޚާއްސަ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއްވައެވެ. ފޯމާއެކު ގެސްޓުންގެ ރިވިއުތަކާއި، ފޮޓޯ، ވީޑިއޯ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. މި އެވޯޑުތައް ހަވާލުކުރުމަށް ބާއްވާ ރަސްމީ ޖަލްސާ ބާއްވާނެ ތާރީޚެއް އެމްއައިބީން ފަހުން އިޢުލާނުކުރާނެއެވެ.

އެވޯޑާ ގުޅޭ އިތުރު މައުލޫމާތާއި ޝަރުތުތައް https://mib.com.mv/guesthouseaward އިން މިހާރު ލިބެން ހުންނާނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.