ޔަހޫދީން މި ފަހުން އީރާނުގެ އަސްކަރިއްޔާއަށް ދީފައިވާ އެންމެ ސީދާ ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ހަތް ސިފައިން ޝަހީދުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެއެވެ. އެ މިސައިލް ޙަމަލާ ދީފައި ވަނީ އީރާނުގެ ދެކުނުއިރުމަތީގައި ހުންނަ އަސްކަރީ މަރުކަޒަކަށެވެ. މީގެ ކުރިން އެމެރިކާއިން އީރާނަށް ދީފައިވާ ޙަމަލާތައް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު, އައިއާރުޖީސީގެ މަރުކަޒުތަކަށް ސީދާ އަމާޒުކޮށްފައެއް ނުވެއެވެ.
އީރާނުގެ ދައުލަތުގެ ޓީވީ، އައިއާރުއައިބީއިން ބުނީ އެމެރިކާގެ އަސްކަރިއްޔާއިން މީހުން ދިރިއުޅޭ ސަރަޙައްދަކަށާއި ސިފައިން ދިރިއުޅޭ އެކޮމޮޑޭޝަން މަރުކަަޒަކަށް އަމާޒުކޮށް 13 މިސައިލް ޙަމަލާ ދީފައިވާ ކަމަށެވެ. އެއީ އީރާނުގެ ސިސްތާން އާއި ޕްރޮވިންސުގައި ހުންނަ އަސްކަރީ މަރުކަޒުތަކެކެވެ. އެ ޙަމަލާތަކުގައި 388ވަނަ ބްރިގޭޑުގެ ހަތް މެންބަރުން ޝަހީދުވެފައިވާ ކަމަށާއި، އިތުރު މީހުންނަށް ޒަޚަމްވެ ހަސްފަތާލުގައި ފަރުވާ ދެމުންދާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އީރާނުން ބުނީ އީރާނުގެ ދެކުނުގެ ސަރަޙައްދުަތަކަށް އެމެރިކާއިން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޢާއްމުންގެ 30އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށެވެ. އެ ޙަމަލާތައް ދީފައި ވަނީ ސީދާ ކޮން ސަރަޙައްދުތަކަކަށް ކަމެއް އީރާނުގެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ ބޫޝެހްރުގެ ތިން ސަރަޙައްދަކަށް ވެސް ޙަމަލާ ދީފައެވެ. ނަމަވެސް އެ ޙަމަލާތަކުގައި މީހަކަށް ޒަޚަމްވެފައެއް ނުވެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ޙަމަލާތައް ކުށްވެރިކޮށް، އެ ޙަމަލާތަކަކީ ޢުދުވާނީ ޙަމަލާތެއްގެ ގޮތުަގައި ސިފަކޮށްފައެވެ. އަދި އެ ޙަމަލާތަކަށް ފުރިހަމަ ރައްދެއް އީރާނުން ދޭނެ ކަމުގެ އިންޒާރު އެ ޤައުމުން ދީފައިވެއެވެ.
އެމެރިކާގެ އެންމެ ފަހުގެ ޢުދުވާންތައް ފަށާފައި ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދުފަހަރަށް އީރާނުން ޙަމަލާދެމުންދާ ކަމަށް ތުހުމަތުކޮށް، އެ ޤާބިލުކަން ނައްތައިލުމުގެ ނަމުގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ އީރާނުގެ ޢަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަތް ގަޑިއިރު ވަންދެން ޙަމަލާދީފައިވާނެ ކަމަށެވެ. ރައްދުގައި އީރާނުން ބުނީ، އެމެރިކާގެ ޙަމަލާތައް ހުއްޓައިލަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށާއި، ބަޙްރައިން، ކުވަޔިތު އަދި އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދެމުންދާ ޙަމަލާތައް މެދުކަނޑައިނުލާނެ ކަމަށެވެ.
މި ދަނޑިވަޅުގައި މަސްރަޙު އިތުރު ހޫނުކުރެއްވުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުން އަލުން ޞުލްޙައިގެ މަޝްވަރާތައް ނުފަށައިފިނަމަ އެ ޤައުމުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް، ހުރްމުޒުން ދަތުރުކުރާ އުޅަނދުފަހަރުން ފީއެއް ނެގުމަށް ޓްރަމްޕް ނިންމެވި ނިންމެވުން އޭނާ ވަނީ ބަދަލު ކުރައްވާފައެވެ. އޭގެ ބަދަލުގައި، ގަލްފުގެ ޤައުމުތަކުން ފައިސާ ހޯދުމަށް ވުނަކުރުމުގެ އެއްބަސްވުންތަކެއް އެކުލަވައިލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މިިހާރު ބަދަލުކުރަމުންދާ ޙަމަލާތަކާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ ދެ މިންގަނޑު، ބްރެންޓް ކްރޫޑް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ އަގުތައް ވަނީ ޖޫން މަހަށް ފަހު އުފުލިފައިވާ އެންމެ މަތީ އަގަށް އުފުލިފަައެވެ.