ޚަބަރު

ބައިނަލްއަޤްވާމީ އޭއައި ޖަމްޢިއްޔާ ޤާއިމްކުރަން 29 ޤައުމަކުން ސޮއިކޮށްފި


ދުނިޔޭގެ އާޓިފިޝަލް އިންޓެލިޖަންސް ޖަމްޢިއްޔާ، ޑަބްލިޔުއޭއައިސީއޯ އުފެއްދުމަށް 29 ޤައުމަކުން ޗައިނާގެ ޝަންހާއީގައި އެއްބަސްވުމެެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރި ޤައުމުތަކުގެ ތެރޭގައި ޗައިނާގެ އިތުރުން ކަޒަކިސްތާންއާއި ލާ
އޯސްއާއި ޕާކިސްތާންއާއި ރަޝިޔާއާއި އިންޑޮނޭޝިޔާ ހިމެނެއެވެ. އެއާއެކު އެއްބަސްވުމުގައި ސޮއިކުރި 29 ޤައުމު ވެފައި މި ވަނީ ޑަބްލިޔުއޭއައިސީއޯގެ ބާނީންނަށެވެ.

އެއްބަސްވުމުގެ ދަށުން ޑަބްލިޔުއޭއައިސީއޯ މަސައްކަތްކުރާނީ ޤައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި ޤާއިމްކޮށްފައިވާ މިނިވަން އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ ގޮތުގައެވެ. އެ ޖަމްޢިއްޔާއިން އދގެ ޗާޓަރުގެ މަޤުސަދުތައް ދަމަހައްޓައި، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލު ކުރުމަށް ޤައުމުތަކުން ޞުލްޙަވެރިކަމާއެކު އެކުގައި މަސައްކަތްކޮށް، މަޝްވަރާގެ މަގުން ކަންކަން ނިންމުމަށް އެއްބާރުލުން ދޭނެއެވެ. އަދި ވަކިވަކި ޤައުމުގެ މަސްލަހަތު ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ހުރިހާ ޤައުމަކަށް ވެސް ފައިދާ ވާނެ ފަދަ އުސޫލަކަށް އަދި ޢާންމުންނަށް އިސްކަން ދީގެން މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

އޭގެ އިތުރުން އޭއައިގެ ދާއިރާގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކޮށް އޭއައިއާ ގުޅޭ ޤަވާއިދުތަކާއި އުޞޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ކުރިއެރުވުމަށް ޖަމްޢިއްޔާގައި ބައިވެރިވާ ޤައުމުތަކުން މަސައްކަތް ކުރާނެއެވެ. އަދި އޭއައިއަކީ ރައްކާތެރި، އިންސާފުވެރި އަދި ފައިދާހުރި ޓެކްނޮލޮޖީއެއް ކަން ކަށަވަރުކުރުމާއި، އިންސާނީ ދަރިފަސްކޮޅުގެ ފައިދާއަށް އެ ޓެކްނޮލޮޖީ ރޭވުންތެރިކަމާއެކު ކުރިއެރުވުމަކީ ވެސް ޖަމްޢިއްޔާގެ މަޤްސަދެކެވެ.

ޑަބްލިޔުއޭއައިސީއޯ އުފެއްދުމަށް ޗައިނާއިން ފުރަތަމަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ޖަމްޢިއްޔާގެ އޮފީސް ޤާއިމް ކުރުމަށް ހަމަޖެހިފައި ވަނީ ޝަންހާއީގައެވެ. ޝަންހާއީގައި ބޭއްވި ސޮއިިކުރުމުގެ ރަސްމިއްޔާތުގައި އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.