ޚަބަރު

އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހަމަކުރުމުގެ މަސައްކަތް ކުރަނީ


  • އެންމެ ބޮޑަށް އިސްކަންދޭނީ އެންމެ މުހިއްމު ބޭސްތައް ގެނައުމަށް

  • އެންޓިބަޔޮޓިކްސް ރެސިސްޓަންސްއަކީ ދުނިޔެއަށް ދިމާވެފައިވާ ޞިއްޙީ މައްސަލައެއް

ތަފާތު އެންޓިބަޔޮޓިކްސް ބޭނުންކުރުމުންވެސް އެ ބޭހަށް ނުގުޑާ މައްސަލަ ހައްލުކުރުމަށް އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހުންނަންޖެހޭ ކަމަށާއި، އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ބޭހުގެ މައްސަލަ ހައްލުކުރުމަށް ސްޓޭޓް ފާމާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ބޭސް ހަމަކުރުމުގައި އެންމެ ބޮޑަށް އިސްކަންދެއްވާނީ ރާއްޖެއަށް ބޭނުންވާ "އެސެންޝަލް ބޭސް" ނުވަތަ ކޮންމެހެން ބޭނުންވާ ބޭހުގެ ލިސްޓުގައި ހިމެނޭ 1200 އެއްހާ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ. އެއަށްފަހު "އެޕްރޫވްޑް ޑްރަގް" ލިސްޓުގައިވާ ބޭސްތަކުގެ ތެރެއިން ޑޮކްޓަރުން އާންމުކޮށްދޭ ބޭސްތައް ދެނެގަނެ އެ ލިސްޓު އަޕްގްރޭޑްކޮށް، އެ ބޭސްތައް ރާއްޖެއަށް ގެނައުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝާހް ވިދާޅުވީ، ދުނިޔެއަށްވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެންޓިބަޔޮޓިކްސް ރެސިސްޓަންސް ނުވަތަ ބޭހަށް ނުގުޑާ މައްސަލަ ކަމަށާއި، އެކަން ހައްލުކުރުމަށް އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ލިބެން ހުންނަން ޖެހޭ ކަމަށެވެ. މިއީ، ޓެކްނިކަލް ގިނަ ކަންކަން ހިމެނޭ މަސައްކަތެއް ކަމަށާއި، ޞިއްޙީ ދާއިރާގެ ހުރިހާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖޭގައި ހަމަކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"އެންޓިބަޔޮޓިކްސް ބޭނުންކުރުމުގައިވެސް ގެންގުޅެންޖެހޭ މިންގަނޑުތަކަށް އެ ގެންގުޅެވޭނީ، ފަސްޓްލައިން އެންޓިބަޔޮޓިކެއް ދީފައި އޭތި ވޯކް ނުކުރަންޏާ އެއަށް ރެޒިސްޓެންޓް ވަންޏާ ދެން ސެކަންޑް ލައިން. އެހެންކަމަށްވަންޏާވެސް މުޅި ރޭންޖު އަޅުގަނޑުމެންގެ އަތުގައި ކޮންމެވެސް ވަރަކަށް ސްޓޮކްގައި ހުރެގެން އެ ބޭނުންވާ އެންޓިބަޔޮޓިކްސްތައްވެސް އެވެއިލަބަލް ކުރެވޭނެ. އޭގެ ސަބަބުން ބަލި ފަސޭހަވުމަށް އަވަސް ވެގެންދާނެ. ރެޒިސްޓެންސް ރާއްޖޭގައި މަދުވެގެންދާނެ." ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވިއެވެ.

ބޭސް ލިބުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާ މަޝްވަރާކުރައްވައިގެން، އެ ރަށެއްގެ އާބާދީއަށް އާންމުކޮށް ބޭނުންވާ ބޭސް ދެނެގަތުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށްވެސް ޑރ. ޝާހް ވިދާޅުވިއެވެ. މީގެ ސަބަބުން އެ ރަށެއްގެ ރައްޔިތުންނަށް އާންމުކޮށް ބޭނުންވާ ބޭސް އެ ރަށެއްގައި ރައްކާ ކުރެވި، އިސްރާފުވުން ކުޑަކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓޭޓް ފާމާގެ އަމާޒަކީ، ޑޮކްޓަރުން ބޭސް ސިޓީގައި ލިޔާ ކޮންމެ ބޭހެއްވެސް ހޮސްޕިޓަލުތަކުގައި ހުންނަ ފާމަސީތަކުން ލިބޭނެކަން ކަށަވަރުކުރުން ކަމަށާއި، މިކަމަށްވެސް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ޑރ. ޝާހް ވިދާޅުވިއެވެ.