ޚަބަރު

އިންގްލަންޑް މެޗުގެ ފުރަތަމަ ހާފުގެ ކުޅުމުގެ ޒިންމާ އުފުލަން: ޑޭޝޯން


  • މެޗުގެ ފުރަތަމަ ހާފުގައި އިންގަލަންޑުން 4 ލަނޑުގެ ލީޑެއް ނެގި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލަންޑާއި ދެކޮޅަށް ކުޅުނު ތިންވަނަ ހޮވި މެޗުގައި ފަރަންސޭސި ޓީމުގެ ފަރާތުން ފެނިގެންދިޔަ ލަދުވެތި ކުޅުމުގެ ޒިންމާ ނަގާކަމުގައި ފަރަންސޭސި ކޯޗު ޑިޑިއަރ ޑޭޝޯން ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އިންގްލަންޑާއި ބައްދަލުކޮށް 6 ލަނޑު 4 ލަނޑުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. މިނާކާމިޔާބީއާއެކު ޑޭޝޯން ފަރަންސޭސި ޤައުމީ ޓީމާއެކު ހޭދަކުރި 14 އަހަރު ނިންމާލަން ޖެހުނީ ނާކާމިޔާބީ އަކާއެކުއެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނު އިރު އިންގްލަންޑް އިން އޮތީ 4 ލަނޑު ސުން ލަނޑުން ކުރީގައެވެ. ޑޭޝޯން ބުނީ އެއީ ނާކާމިޔާބީ އެއް ކަމަށާއި އަދި މިމެޗުގެ ފުރަތަަމަ ހާފުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އެއްވެސް ގޮތަކަށް ގަބޫލް ކުރެވޭނެ ކުޅުމެއް ނޫންކަމަށެވެ.

ނަމަވެސް ދެވަނަ ހާފަށް ގެނައި ބަދަލުތަކާއެކު ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށާއި އަދި ދެވަނަ ހާފުގައި މެޗުގެ ނަތީޖާ 4 ލަނޑު 4 ލަނޑަށް ހަދާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އަދި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މާބޮޑަށް ކުރިއަށް އެރުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ބައިކޮޅަށް އިތުރު 2 ލަނޑު ވަނުން ކަމުގައިވެސް ފަރަންސޭސި ކޯޗު ފާހަގަ ކުރިއެވެ. ޑޭޝޯން ބުނީ ފަރަންސޭސި ޓީމަށް އެންމެ ރަނގަޅަށް ކުރެވޭކަންތައް ދެވަނަ ހާފުގައި ފެނިގެންދިޔައީ ކަމަށާއި އަދި ފުރަތަމަ ހާފުގައި ފެނިގެންދިޔަ ކުޅުމުގެ ޒިންމާ އޭނާ ފުރިހަމައަށް ނަގާކަމަށެވެ. އަދި ދެވަނަ ހާފުގައި ދެއްކި ކުޅުމާއެކު ލަދުވެތި ނަތީޖާއަކުން ސަލާމަތް ވެވޭވަރުވީކަމަށް އޭނާ ބުންޏެވެ.

ޑޭޝޯން ބުނީ މިމުބާރާތް ތިންވަނައިގާ އޮވެގެން ނިންމާލެވުނު ނަމަ ރަނގަޅު ވީސް ކަމަށާއި މިފަހަރުގެ މުބާރާތަށް އެޓީމު އައީ ވަރަށް ފޮނި އުންމީދު ތަކަކާއެކު ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި ފަރަންސޭސިވިލާތަށް ހޯދާދިނުމުގެ އަޒުމާއެކު ކަމަށެވެ. ނަމަވެސް ސްޕެއިން އާއި އެކު ކުޅުނު މެޗުގައި އެހުރިހާ ކަމެއް ނާކާމިޔާބު ވެގެންދިޔައީ ކަމަށާއި ސްޕެއިންއަށް އޭނާގެ ޓީމު ހިފަހައްޓާނެގޮތް ވަރަށް ރަނގަޅަށް އެނގުނުކަމަށް ޑޭޝޯން އެއްބަސްވިއެވެ. މިހުރިހާ ކަމަކާއެކުވެސް މިވޭތިވެދިޔަ އަށް ހަފްތާއަކީ ވަރަށް ހިތްހަމަ ޖެހުނު ދުވަސް ކޮޅެއް ކަމަށް ޑޭޝޯން ފާހަގަ ކުރިއެވެ.