ޚަބަރު

ހަނގުރާމަ ހޫނުވެ އެމެރިކާގެ އިތުރު ސިފައިން މަރުވެއްޖެ


  • މަރުވި ސިފައިންގެ އަދަދު 17އަށް

  • ޒަޚަމުވި ސިފައިންގެ އަދަދު 420އަށް

އީރާނުގެ ޙަމަލާއެއްގައި ބޭނުންކުރި އަސްކަރީ ޑްރޯނެއް ނައްތައިލުމުގެ މަސައްކަތް ކުރަމުންދިޔަ އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ޢިރާޤުގެ އުތުރުގެ ރަށެއްގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، ސިފައިންގެ މީހާ މަރުވެފައި ވަނީ، ދިފާޢުކޮށް ވައްޓައިލާފައިވާ އީރާންގެ އަސްކަރީ ޑްރޯނެއް ނައްތައިލުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ކަމުގައެވެ.

މިއާއެކު، ފެބުރުވަރީ 28 ގައި އެމެރިކާއިން ޔަހޫދީންނާ ގުޅިގެން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު ވަނީ 17 އަށް އުފުލިފައެވެ. އަދި، ޒަޚަމުވެފައިވާ ސިފައިންގެ އަދަދު 420 އަށް އުފުލިފައިވާއިރު، އުރުދުނަށް ދިން ޙަމަލާތަކަކާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވުނު ސިފައިންގެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ސެންޓްކޮމުން ބުނެއެވެ.

އެމެރިކާގެ ޢުދުވާނީ ހަމަލާތައް ނުވަވަނަ ރެޔަކަށް ދެމިގެން ގޮސްފައިވާއިރު، އައިއާރްޖީސީން ވެސް ދަނީ އީރާނުގެ ސިޔާދަތާއި މިިނިވަންކަމުގެ ދިފާޢުގައި ރައްދު ޙަމަލާ ދެމުންނެވެ. މި ގޮތުން، ކުވައިތުގެ ޢަލީ އަލް-ސާލިމް އަސްކަރީ ވައިގެ ބަނދަރަށް ދިން ޑްރޯން ހަމަލާތަކުގައި އެމެރިކާގެ ރާޑަރު ނިޒާމަކާއި، އަސްކަރީ މަތިންދާބޯޓަށް ބޭނުންވާ ސާމާނު ރައްކާކޮށްފައި ހުރި ގުދަނަކާއި، އެމްކިޔު-9 މަރުކާގެ ޑްރޯން ރައްކާކުރާ ހޭންގަރެއް ނުވަތަ ގުދަނަކަށް ގެއްލުން ލިބުނެވެ. އަދި، އެ ތަންތަނުގައި ހުރި މަތިންދާބޯޓުތަކުގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން، އުރުދުންގެ ޢަޤަބާ އެއާޕޯޓަށް އީރާނުން ދިން ބެލިސްޓިކް މިސައިލް ޙަމަލާތަކުގައި އެމެރިކާގެ ސީ-17 އަދި ޕީ-8 މަރުކާގެ މަތިންދާބޯޓުތަކަށް ގެއްލުންވިއެވެ. އަދި، އަލް-އަޒްރަޤް އަސްކަރީ ވައިގެ ބަނދަރުގައި ހުރި 20 ހޭންގަރެއް ވެސް ނައްތައިލިއެވެ. މީގެ އިތުރުން، ބަޙްރައިނަށް ވެސް އައިއާރްޖީސީން ހަމަލާ ދީފައިވާއިރު، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ގިނަ ހަމަލާތައް ދިފާޢުކޮށްފައެވެ.

އީރާންގެ ވައިގެ ސަރަޙައްދަށް އެތެރެވެ، ޢުދުވާން ހިންގަމުންދިޔަ އެމްކިޔު-9 މަރުކާގެ ޑްރޯނެއް ވެސް އައިއާރްޖީސީން ވަނީ ވައްޓައިލާފައެވެ. އެމެރިކާގެ އެންމެ ފަހުގެ ޢުދުވާންތައް ނުވަވަނަ ރެޔަކަށް ދެމިގެންގޮސްފައިވާއިރު، ޙަމަލާތައް އަމާޒުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ސިރީކް، ޖާސްކް، ތަބްރީޒް، ޗަބަހާރު، މަޙްޝަހްރު، އިމާމް ޚުމައިނީ، އަދި ބޫޝަހްރު ފަދަ ބޮޑެތި ރަށްތައް ހިމެނެއެވެ. ނިއުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒެއް ހުރި ސަރަޙައްދަކަށް ވެސް އެމެރިކާއިން ވަނީ ބޮންއަޅާފައެވެ.

މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި ދެ ފަރާތުން ސޮއިކޮށްފައިވާ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން ވަނީ ފޭލުވެފައެވެ. އަދި، ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއެޅުމާއެކު، އެމެރިކާއިން ވަނީ އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައެވެ. ރައްދުގައި އީރާނުން ދެމުންދާ ޙަމަލާތައް އަމާޒުކުރަމުން ދަނީ ގަލްފު އަދި ޢަރަބި ޤައުމުތަކުގެ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން އެމެރިކާއިން ބޭނުން ކުރަމުންދާ ތަންތަނަށެވެ. އެމެރިކާގެ އައު ޢުދުވާންތަކާއެކު ހުރްމުޒްގެ ދަތުރުފަތުރަށް ހުރަސްއެޅިފައިވާއިރު، ތެލުގެ އަގު އަނެއްކާ ވެސް ވަނީ އުފުލެން ފަށާފައެވެ.