ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށްޓާއެކު ޗެމްޕިއަން ސްޕޭން ގައުމަށް ހިނގައްޖެ އެވެ.
އެމެރިކާއިން ފުރައިގެން ސްޕޭނަށް ޓީމު ދަތުރު ކުރުމަށްފަހު އެންމެ ފުރަތަމަ އޮންނާނީ ޝާހީ ގަނޑުވަރުގައި ސްޕޭނުގެ ރަސްގެފާނު ކިންގް ފިލިޕް އާއި ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޓީމާ ބައްދަލުކޮށް މަރުހަބާ ކިއުމެވެ.
މިއަށްފަހު ކުޅުންތެރިން މަތި ހުޅުވާފައިވާ ބަހުގައި ވެރިރަށް މެޑްރިޑްގެ މަގުތަކުގައި ސްޕޯޓަރުންނާ ބައްދަލު ކުރާނެ އެވެ. މި ގޮތުން ސްޕޭނުގެ މުހިންމު ހިސާބުތަކުގައި ތައްޓާއެކު އުފާފާޅު ކުރާނެ އެވެ.
ސްޕޭން ވޯލްޑް ކަޕުގެ ތަށި ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ދިފާއީ ޗެމްޕިއަން އާޖެންޓީނާ 1-0އިން ބަލިކޮށްފަ އެވެ. މިއީ ސްޕޭން މި ތަށި ހޯދި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ތަށި ހޯދާފައިވަނީ 2010 ވަނަ އަހަރު އެވެ.
ރޭގެ ރަސްމިއްޔާތަށް ފަހު ސްޕޭނުގެ ރަސްގެފާނު ފިލިޕް ވަނީ ދަނޑުމަތިން އޭނާގެ އާއިލާއާއެކު ޓީމާ ބައްދަލުކޮށް މަރުހަބާ ކިޔައިފަ އެވެ.
ސްޕޭން ގައުމަށް ދިޔައިރު އެއާޕޯޓް ސަރަހައްދަށް ވެސް އެތައް ހާސް ބަޔަކު ވަނީ މަރުހަބާ ކިއުމަށް އެއްވެފަ އެވެ. އަދި ރޭ ތަށި ހޯދުމާއެކު ގައުމުގެ މުހިންމު މައިދާންތަކަށް ވެސް ސަޕޯޓަރުން ވަނީ އެއްވެ އުފާފާޅު ކުރަން ފަށައިފަ އެވެ. ސްޕޭނަކީ އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަނުން ވެސްމެ އެވެ.