އީރާނުގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ދެމުންދާ ޢުދުވާނީ ހަމަލާތައް ވިދިވިދިގެން 10 ވަނަ ރެއަކު މެދުކަނޑައިނުލައި ކުރިއަށް ގެންގޮސްފިއެވެ. އީރާނުގެ މީޑިއާއިން ބުނީ، ސިރީކް، ބަންދަރު ޢައްބާސް، ޤަޝަމު، ޝީރާޒު، އަދި އިސްފަހާނަށް އެމެރިކާގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމުގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ހުރްމުޒް ކަނޑުއޮޅީގައި ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނުން ބޭނުންކުރަމުންދާ އަސްކަރީ ޤާބިލުކަމާއި، މިސައިލާއި ޑްރޯން ލޯންޗުކުރާ ސަރަޙައްދުތަކާއި، ވައިގެ ދިފާޢީ ނިޒާމުތައް ނައްތައިލުމަށް ކަމުގައެވެ.
މި ދަނޑިވަޅުގައި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެ، ސެނެޓުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލުކުރައްވާ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ބާރުއަޅުއްވައި ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފަށްޓަވާފައިވާ ހަނގުރާމަ ދިގުލައިގެންދާ ކޮންމެ ސިކުންތަކީ އެމެރިކާ ސިފައިންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ސިކުންތެއް ކަމުގައެވެ. އަދި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފިޔަވަޅު އެޅުމަށް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރުންނަށް މަޖުބޫރުކުރުވުމަށް ޑިމޮކްރެޓިކް ޕާޓީން މަސައްކަތް ކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އެމެރިކާގެ ޢުދުވާނުގެ ރައްދުގައި އީރާންގެ އިސްލާމީ އިންޤީލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ކުވައިތާއި ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ވައިގެ ދިފާޢީ ނިޒާމުތަކަށް ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން، ކުވައިތުގެ އަޙްމަދު އަލް-ޖާބިރު އަސްކަރީ ވައިގެ ބަނދަރާއި ބަޙްރައިންގެ އަލް-ރިފާޢުގައި ހުރި އެމެރިކާގެ 'ޕޭޓްރިޔަޓް' މަރުކާގެ ދިފާޢީ ނިޒާމުތަކާއި ރާޑަރުތަކަށް ހަމަލާދީ، އެ ތަންތަނާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމުގައި އައިއާރްޖީސީން ބުނެއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ހަނގުރާމަ އިތުރަށް ފުޅާވިޔަ ނުދިނުމަށް ތެހްރާނުން ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގައެވެ. މި ގޮތުން، އީރާން ކައިރިއަށް ޖަމާކޮށްފައިވާ އަސްކަރީ މަނަވަރުތަކަށް ހަމަލާދިނުމުގެ ބަދަލުގައި އައިއާރްޖީސީގެ ހަމަލާތައް އަމާޒުކުރަމުން ދަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ މަޞްލަޙަތުތަކަށް އެކަނި ކަމުގައި އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ވައިޓް ހައުސްއިން ބުނީ، ޓްރަމްޕް ވަކި ގޮތަކަށް ނިންމަވަންދެން އީރާނަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް މެދުކަނޑައިނުލައި ކުރިއަށްގެންދާނެ ކަމުގައެވެ. ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދިޔަ ނަމަވެސް، ތެހްރާނާއި ވޮޝިންގޓަނާ ދެމެދު ޚާރިޖީ ގޮތުން މަޝްވަރާ ކުރަމުންދާ ކަން ވައިޓް ހައުސްއިން ހާމަކުރިއެވެ.
މި ދަނޑިވަޅުގައި ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ވަނީ ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތައް ޙިޞާރުކުރަން ނިންމައި، އެ ކަން އިޢުލާނު ކޮށްފައެވެ. މި ނިންމުމުގެ ސަބަބުން ސަރަޙައްދީ ނުތަނަވަސްކަން ބޮޑުވެ، ފާއިތުވި ހަތަރު އަހަރު މަޑުޖެހިފައި އޮތް ޔަމަނުގެ ހަނގުރާމަ އަލުން ފެށިދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. އަދި، މި ޙިޞާރުގެ ސަބަބުން ބާބް އަލް-މަންދަބް ކަނޑުއޮޅި މެދުވެރިކޮށް އިރުމަތީ އޭޝިޔާއަށް ތެޔޮ އެކްސްޕޯޓުކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ، އެ ޤައުމުގެ އަހަރީ ތެލުގެ އާމްދަނީއަށް ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ. ޙޫޘީންނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ބޮޑުވަމުންދާ ނުތަނަވަސްކަން ޙައްލުކުރުމަށް، ޢުމާނުގައި މި ވަގުތު ތިބި ޙޫޘީންގެ އޮފިޝަލުންނާއި ރިޔާޟުގެ އޮފިޝަލުންނާ ދެމެދު ދަނީ މަޝްވަރާ ކުރަމުންނެވެ.