ޚަބަރު

ރާއްޖެއާއި އިތިއޯޕިޔާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ޤާއިމުކޮށްފި


  • މިއީ އެފްރިކާ ބައްރުން މިކަމުގެ އެއްބަސްވުން އެކުލަވާލި 6ވަނަ ޤައުމު

  • އެ ޤައުމުގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެ

ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. އިތިޔޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.

ދިވެހިރާއްޖެއާއި އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، އިތިޔޯޕިއާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވާލި 6 ވަނަ ޤައުމު ކަމަށެވެ. އަދި މީގެ ކުރިން އެފްރިކާ ބައްރުން ރާއްޖެއާއެކު މިފަދަ އެއްބަސްވުންތައް ޤާއިމުކޮށްފައިވަނީ މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާ އެކުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އެއަރލައިންތަކުގެ މެދުގައި ސީދާ ޝެޑިއުލް ދަތުރުތައް ފެށުމުގެ މަގުފަހިވެގެންދާނެ. ދިވެހިރާއްޖެއާއި އިތިޔޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް ޤާއިމުކުރެވިފައިމިވަނީ، އިތިއޯޕިއާގެ ޤައުމީ އެއަރލައިން، "އިތިޔޯޕިއަން އެއަރލައިންސް"އިން އެ ޤައުމުގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި. އިތިޔޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާއެކު އިޤްތިސާދު ކުރިއަރަމުން އަންނަ އެއް ޤައުމު. އަދި އިތިޔޯޕިއަން އެއަރލައިންސްއަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއަރލައިން. އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ޤާއިމުކޮށްފައިވާ އެއަރލައިން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއެކު އިޤުތިޞާދީ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން މިއީ ރާއްޖޭގެ އިޤުތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް، މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ޤާއިމުކުރުމަށް ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިޤުތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ވިލުންވެރި ވައިގެ ދަތުރުފަތުރުގެ ސިނާޢަތެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ޙާޞިލުވަމުންދާ ނަތީޖާއެއްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދުނިޔޭގެ އެކި ހަބް-އެއަރޕޯޓުތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ މަގުތައް ފަހިކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ "އިތިއޯޕިއަން އެއަރލައިން"އިން ރާއްޖެއަށް ދަތުރުތައް ފެށުމަށާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން "މޯލްޑިވިއަން" އިން އިތިޔޯޕިއާއަށް ސީދާ ދަތުރުތައް ކުރުމަށް މަގުފަހިވެގެންދާ މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ސިނާޢަތަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ލިބޭ މަންފާއާއި ކުރިއެރުން މިކަމުގެ ސަބަބުން އިތުރުވެގެންދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.