ޚަބަރު

ރޯދައިގެ ކުރިން 16 މިސްކިތަކާއި 2 ރަށެއްގެ ޤުރްއާނާބެހޭ މަރުކަޒު ނިމޭނެ


  • މިއަހަރު ނިމުމުގެ ކުރިން ހުޅުމާލޭގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލާނެ

  • އަންނަ އަހަރުގެ ފަހުކޮޅު ވަޤުފުގެ ބައެއް މަޝްރޫޢުތައް ނިމިގެންދާނެ

އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ 16 މިސްކިތަކާއި، ދެ ރަށެއްގައި ޤާއިމްކުރާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުގެ މަސައްކަތް ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ.

ވަޒީރު ވިދާޅުވީ، އިސްލާމީ ދާއިރާގެ މަޝްރޫޢުތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ގުޅިގެން ބިނާކުރަމުންދާ ދާއިމީ މިސްކިތްތައް މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ މެސެޖުގައި މިއަހަރު ނިމުމުގެ ކުރިން ހުޅުމާލެގައި ހަދާފައިވާ ވަގުތީ މިސްކިތްތައް އުވާލެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅުގައި ވަޤުފު މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިމިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާރުވެސް ޖުމްލަ 79 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި 45 މިސްކިތެއް ބިނާކުރުމާއި، 12 އިސްލާމީ މަރުކަޒެއްގެ އިތުރުން 16 ޤުރްއާން ސެންޓަރަކާއި ވަޤްފު ބިނާކުރުމުގެ 6 މަޝްރޫޢެއް ހިމެނެއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ދައުރުގެ ތެރޭގައި ކުރިއަށްގެންދާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާކުރާ ދާރުލްއަރުޤަމް އަދި ހުޅުމާލޭގައި ބިނާކުރާ ދާރުއްސަލާމް ވަޤްފު އިމާރާތް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި ފެށުމަށް ވަނީ ރޭވިފައެވެ. މި ބޮޑު މަޝްރޫޢަށް ބޭނުންވާ ފައިނޭންސިންގ ރާއްޖޭން ބޭރުގެ ފަރާތަކުން މިހާރު ވަނީ ހަމަޖެހިފައެވެ.