ކުޅުންތެރިންނަށް އެކަށީގެންނުވާ ޕްރެޝަރު ނުކުރާނެ ކަމަށާއި އަދި ކުޅުންތެރންގެ ކަންކަމުގައި ކުލަބުތަކުގެ ކޯޗުންގެ އަޑުއަހާނެ ކަމަށް ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
"އަހަރެން ކުޅުންތެރިޔާ އަށް ޕާފޯމް ނުކުރެވޭނަމަ ފުރަތަމަ ވެސް އޮޅުން ފިލުވާނީ އޭނާގެ ކުލަބު ކޯޗު ކުރެން. އެ މީހުންގެ އަޑު އަހަރެން އަހާނަން،" ކްލޮޕް ބުންޏެވެ.
ޖަރުމަނުގެ ކޯޗުކަމާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ކްލޮޕް ހޭދަކުރީ 45 މިނިޓެވެ. މިއީ ފުޓްބޯޅަ މެޗެއްގެ އެއްހާފުގެ ވަގުތެވެ. މި ޕްރެސް ކޮންފަރެންސްގައި އޭނާ ވަނީ ނޫސްވެރިން އަމަލުތައް ވަކި އިމެއްގެ ތެރޭގައި ގެންގުޅުމަށް އެދިފަ އެވެ. އަދި މީޑިއާއިން ހާއްސަކޮށް އޭނާގެ އާއިލާއަށް އިހްތިރާމް ނުކުރާނަމަ ޖަރުމަނުގެ ކޯޗުކަމުގައި ނުހުންނާނެ ކަމަށް ބުންޏެވެ.
ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާއި އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ބޮޑެތި ކާމިޔާބީތަކެއް ހޯދި ކްލޮޕް އަކީ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ އަށް ޖަރުމަނުގެ ކޯޗުކަން ދިނީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ޖަރުމަނު ކެޓުމުން ކޯޗުކަމުން ހޫލިއަން ނާގެލްސްމަން ވަކިކުރުމަށްފަހު އެވެ.
"އަހަރެންނަށް ފަހު އަހަރެންގެ އާއިލާގެ ފަހަތުން މީޑިއާ ދާނަމަ އަހަރެން މަގާމު ދޫކޮށްލާނަން. އެ މީހުންއަހަރެންނަށް ވަނީ ފެނިފައި ނާގެލްސްމަން އާއި (އިނގިރޭސި މިހާރިގެ ކޯޗު ޖަރުމަނުގެ ތޯމަސް) ޓުޗެލްއާ މެދު ކަންތައްތައްވީ ގޮތް. އަހަރެންނަށް އެނގޭ (ކޯޗުންގެ އާއިލާ އާއި ޒާތީ ކަންކަމާ ނޫސްވެރިން ބެހުން) މިއީ އެހެން ގައުމުތަކުގައި (ޖަރުމަނަށް)ވުރެ މާގޯސްކޮށް އޮތްކަމެއްކަން. އަހަރެން ލިބޭ ފައިސާ އަކަށް ނުބަލާނަން. އަދި އަހަރެން އެއްވެސް ފައިސާއަކަށް ޑިމާންޑެއް ވެސް ނުކޮށް މަގާމު ދޫކޮށްލާނަން،" ކްލޮޕް ބުންޏެވެ.
"އެއްވެސް ކަމެއް ގޯސްވާ ނަމަވެސް، ރަނގަޅަށް ނުދިޔަސް، އަހަރެންނަށް ފާޑުކިޔާ. އަހަރެންގެ އާއިލާ މިނިވަންކަމާއެކު އުޅުނުދީ. އަހަރެން އެދޭ ހަމައެކަނި ކަމަކީ މިއީ. ކަލޭމެން (ނޫސްވެރިން) ކަމެއް ރަނގަޅަށްދާނަމަ އަހަރެންނަށް ތައުރީފް ކުރާކަށް ނުޖެހޭނެ. ކަމެއް ރަނގަޅަށް ނުގޮސްފިނަމަ އަހަރެން އެކަމަކަށް އިތުރަށް މަސައްކަތް ކޮށްދޭނަން،" ކްލޮޕް ބުންޏެވެ.
ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލުމަށްފަހު ރެޑްބުލް ގްރޫޕުގެ ގްލޯބަލް ފުޓްބޯޅަ ޑައިރެކްޓަރަކަށް ހުއްޓައި ޖަރުމަނުގެ ކޯޗުކަން ކްލޮޕަށް ދިނީ 2030ގެ ނިޔަލަށެވެ. ގައުމީ ޓީމާއެކު ކްލޮޕް އެންމެ ފުރަތަމަ ކުރިމަތިލާނެ ބޮޑު މުބާރާތަކަށް ވާނީ 2028 ވަނަ އަހަރުގެ ޔޫރޯ އެވެ.