ޕެޕް ގާޑިއޯލާ ހަވާލުނުވުމުން އިޓަލީގެ ގައުމީ ކޯޗުކަން ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އަށް ދޭން ގާތްގަނޑަކަށް ނިންމައިފި އެވެ.
ޔުވެންޓަސް އަށް ކޯޗުކޮށްދީ އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަކަޕް އެ ޓީމަށް ކާމިޔާބު ކޮށްދިން ޕިރްލޯ މިވަގުތު ހުރީ ޔޫއޭއީގެ ޑުބާއީ ޔުނައިޓެޑްގެ ކޯޗަކަށެވެ. އުމުރުން މިހާރު 47 އަހަރުގެ ކޯޗަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.
އޭނާ އަށް ގައުމީ ކޯޗުކަންދޭން ނިންމީ އެ މަގާމަށް ގެނައުމަށް ގައުމީ ކޯޗުކަން ކޮށްފައިވާ ކުރީގެ ތިން ކޯޗުންގެ ސީވީ ވެސް ލިބިފައިވަނިކޮށެވެ. އެއީ ގެނާރޯ ގަޓޫސޯ އާއި 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިން ކޯޗު ރޮބާޓޯ މަންޗިނީ އާއި ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ.
ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން އެންމެ ފުރަތަމަ ބެލީ ދުނިޔޭގެ ފެންވަރުގެ ކޯޗަކު ގެނައުމަށެވެ މިގޮތުން ބްރެޒިލްގެ ކޯޗަކަށް ހުރި އިޓަލީގެ ކާލޯ އަންޗެލޯޓީގެ އިތުރުން މަޝްވަރާ ކުރީ ގާޑިއޯލާ އަށެވެ. މީގެ ތެރެއިން އަންޗެލޯޓީ ނިންމީ ބްރެޒިލް މަޑުކުރުމަށެވެ. އަދި ފާއިތުވެދިޔަ 10 އަހަރު މެންޗެސްޓާ ސިޓީ ކާމިޔާބު ކުލަބަށް ހަދައިދިން ގާޑިއޯލާ ނިންމީ އޭނާގެ އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށެވެ. އޭނާ ސިޓީގެ ކޯޗުކަން ދޫކޮށްލި އެއް ސަބަބަކީ ވެސް އާއިލާއާ ގާތުގައި އަމިއްލަ ގައުމު ކަމަށްވާ ސްޕޭނުގައި ހުރުމަށެވެ.
މީގެ އިތުރުން މުސާރަ އަކީ އިޓަލީގެ ކޯޗުކަމަށް އޭނާ ޝައުގުވެރިނުވި ސަބަބެކެވެ. މުސާރައިގެ ގޮތުގައި އަހަރަކު 25 މިލިއަން ޔޫރޯ އަށް އޭނާ ޑިމާންޑް ކުރިއިރު އިޓާލިއަން ފެޑަރޭޝަނަށް ދެން އޮތް ކަމަށްވަނީ 10 މިލިއަން ޔޫރޯ އެވެ. މިއީ ބްރެޒިލަށް ވެސް އެ ގައުމުގެ ކޯޗުކަމަށް ގާޑިއޯލާ ނުގެންދެވުނު ސަބަބެވެ.