ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ރަނގަޅުކޮށް، ދިވެހި ފުޓުބޯޅަ އޭގެ އަސްލު މަގާމަށް ވާސިލްކޮށްދިނުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރަމުން އަންނަ މަސައްކަތުގައި ވުޖޫދުކުރަން މަސައްކަތްކުރަމުންދާ ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމާމެދު މިރޭ ގޮތެއް ނިންމަން ތާވަލުކޮށްފިއެވެ.
މިކަމާމެދު ގޮތެއް ނިންމާނީ މިރޭ އޮންނަ އެފްއޭއެމްގެ ޙާއްސަ ކޮންގްރެސްގައެވެ.
ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމަށް އެފްއޭއެމް އިން މަސައްކަތް ފެށީ މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ 14 ވަނަ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް، ހަތަރު ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަން އުފައްދަން ނިންމާފައިވާއިރު އެ އެސޯސިއޭޝަންތަކަކީ، ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން، ސެންޓްރަލް ރީޖަލް ފުޓްބޯޅަ އެސޯސިއޭޝަން، މާލެ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން އަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަނެވެ.
އެފްއޭއެމް އިން މިހާރު ވެސް އަންނަނީ މި ހަތަރު ސަރަހައްދަށް ޙާއްސަކޮށްގެން ލީގު އުސޫލުން މުބާރާތްތަކެއް ބާއްވައި، އެ މުބާރާތްތައް ކާމިޔާބުކުރާ ޓީމުތަކަށް ދިވެހި މައި ފުޓުބޯޅަ ލީގުގައި ބައިވެރިވުމުގެ ފުރުސަތު ދެމުންނެވެ.
މި އެސޯސިއޭޝަންތަކާއެކު، އެ އެސޯސިއޭޝަނަކަށް ޙާއްސަ ސަރަހައްދެއްގެ ލީގުތަކާއި، މުބާރާތްތައް ހިމެނޭހެން ފުޓްބޯޅައިގެ ހުރިހާ ކަމެއް ރާވާ އިންތިޒާމުކުރާނީ އެ އެސޯސިއޭޝަނަކުންނެވެ.
އެ ހިސާބުން އެފްއޭއެމް ބަދަލުވާނީ ޤައުމީ ފެޑެރޭޝަނަކަށެވެ. އެފްއޭއެމްގެ މައިގަނޑު ޒިންމާއަކަށްވާނީ ގައުމީ ޓީމުގެ ކަންކަން ބެލެހެއްޓުމާއި، ޖުމްލަކޮށް ފުޓްބޯޅައިގެ ކަންކަން ބަލައި، މުހިންމު ކަންކަން ނިންމުމެވެ.