ޚަބަރު

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ލޯގޯ އިފްތިތާހުކޮށްފި


  • ލޯގޯ ފަރުމާކޮށްފައި ވަނީ ބަންގްލަދޭޝްގެ ތާރީޚާއި ސަޤާފަތާ ގުޅުވާފައި

  • މުބާރާތް އޮންނާނީ ނޮވެމްބަރު 4-17އަށް

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބޭނުންކުރާނެ ރަސްމީ ލޯގޯ އިފްތިތާހުކޮށްފިއެވެ.

ލޯގޯ އިފްތިތާޙުކޮށްފައި ވަނީ އެކަމަށްޓަކައި ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

ބަންގްލަދޭޝްގެ ޑާކާގައި މި އަހަރުގެ ނޮވެމްބަރު މަހުގެ 4އިން 17އަށް ކުރިއަށްދާ މި މުބާރާތުގައި ބޭނުންކުރާ ރަސްމީ ލޯގޯއިން ދައްކުވައިދެނީ ބަންގްލަދޭޝްގެ މުއްސަނދި ޞަޤާފަތްކަމަށް ސާފް އިން ބުނެފައިވެއެވެ.

އެގޮތުން، ބަންގްލަދޭޝްގެ އަންހެނުންގެ ޞަޤާފީ ހެދުން ފޮއްޗެއްކަމަށްވާ ޖަމްދާނީގެ ސިފަތަކާއި، އެ ނޫންވެސް، އެ ގައުމަށް ޙާއްސަ އެކިއެކި ތަކެއްޗާއި ތަންތަނުގެ އެކިއެކި ރަމްޒުތައް މި ލޯގޯއިން ފެނިގެންދެއެވެ.

ސާފް އިން މި ރަސްމިއްޔާތުގައި ވަނީ، މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޓެކްނޯ ސްޕޯޓްސް ކަންވެސް އިއުލާނުކޮށްފައެވެ. އެހެންކަމުން މި ފަހަރުގެ މުބާރާތުގައި ބޭނުންކުރާނެ ރަސްމީ ނަމަކީ، "ޓެކްނޯ ސްޕޯޓްސް ސާފް ޗެމްޕިއަންޝިޕް 2026" އެވެ.

މި ފަހަރުގެ މުބާރާތް ބަންގްލަދޭޝްއިން ހޯސްޓު ކުރާއިރު، އެންމެފަހުން އެ ގައުމުގައި މި މުބާރާތް ބާއްވާފައި ވަނީ 2018 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއިންނެވެ. އެއީ ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.

ރާއްޖެއިން ވެސް ވަނީ މި މުބާރާތް ދެ ފަހަރަށް ހޯސްޓު ކޮށްފައެވެ. އެގޮތުން ރާއްޖެއިން ފުރަތަމަ މި މުބާރާތް ބޭއްވީ 2008 ވަނަ އަހަރު، ސްރީލަންކާއާ ގުޅިގެންނެވެ. ދެ ގައުމުގައިވެސް އެ ފަހަރު މުބާރާތުގެ މެޗުތައް ކުޅެފައިވެއެވެ. އެފަހުން 2021 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން މުބާރާތް ހޯސްޓުކުރީ އެކަންޏެވެ.

އެންމެފަހުން މި މުބާރާތް ބޭއްވީ އިންޑިއާގައެވެ. 2023 ވަނަ އަހަރު ބޭއްވި އެ މުބާރާތުގައި، މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން، ކުވެއިތާއި ލުބުނާން ބައިވެރިވެފައިވެއެވެ. އެފަހަރުގެ މުބާރާތުގައި ސަސްޕެންޝަނަކާ ގުޅިގެން ސްރީލަންކާއަށް ބައިވެރިއެއް ނުވެވުނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާއިންނެވެ. އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޓީމެވެ.