ދާދި ފަހުން ނިމިގެންދިޔަ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން ވިދާލި ކޭޕް ވާޑޭގެ ގޯލުކީޕަރު ވޮޒީނިއާ ޗިލީގެ ކްލަބެއް ކަމުގައިވާ ކޯލޯ ކޯލޯއަށް ސޮއިކޮށްފި އެވެ.
އުމުރުން 40 އަހަރުގެ ވޮޒީނިއާ ކުރިން ކުޅެމުންދިޔަ ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ކްލަބާއިއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާއިރު އޭނާ ކޯލޯ ކޯލޯ އަށް ސޮއިކޮށްފައިވަނީ ފްރީ އެޖެންޓެއްގެ ގޮތުގަ އެވެ.
ކޯލޯ ކޯލޯ އިން ލީގުގައި ޑިޕޯޓްސް ލިމާޝޭ އާއި ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެ ޓީމުގެ އޮފިޝަލެއް ކަމުގައިވާ މޯސާ ބުނެފައިވަނީ ވޮޒީނިއާ އެ ކްލަބަށް ކުޅޭނެ ކަމަށާއި އަދި އޭނާ މެޑިކަލް ހެދުމަށްފަހު ކްލަބްގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލާނެ ކަމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ވޮޒީނިއާ އަކީ ފެންވަރު ރަގަޅު މޮޅު ކުޅުންތެރިއެއްކަން އޭނާ ވޯލްޑްކަޕްގައި ސާބިތުކޮށްދީފައިވާ ކަމަށެވެ.
ސަޕޯޓަރުން ހޮވި ވޯލްޑްކަޕްގެ ޑްރީމް ޓީމުގައި ހިމެނުނު ވޮޒީނިއާ ވަނީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިން އާއި ދެކޮޅަށް ކޭޕް ވާޑޭ ކުޅުނު ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކާ ލަނޑެއް ނުޖެހި އެ މެޗު އެއްވަރުކޮށްދިނުމުގައި މުހިންމު ސޭވްތަކެއް ކޮށްފައެވެ.