ޚަބަރު

“އެމެރިކާއާއެކު ޞުލްޙަވާނީ ލުބުނާނުގައި ހިންގާ ޖަރީމާ ހުއްޓައިލުމުން”


އީރާނާއި އެމެރިކާއާ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވޭނީ ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމުން ކަމުގައި އީރާންގެ އިސް މުރުޝިދު އާޔަތުالله ސައްޔިދު މުޖުތަބާ ޙުސައިނީ ޚާމަނާއީ ތަކުރާރު ކުރައްވައިފިއެވެ. ޚާމަނާއީ ވިދާޅުވީ، ލުބްނާނުގެ ސަރަޙައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ޞަހްޔޫނީ ދައުލަތުގެ އުދުވާންތައް އެއްވެސް ޝަރުޠަކާނުލައި ހުއްޓައިލުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މައިގަނޑު އެއް ޝަރުޠު ކަމުގައެވެ. މީސްމީޑިއާ މަންސަ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚާމަނާއީ ވަނީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އާއި ޝަހީދުކޮށްލާފައިވާ އެ ޖަމާޢަތުގެ ކުރީގެ އިސްވާރު ސައްޔިދު ޙަސަން ނަޞްރުالله އަށް ތަޢުރީފު ކުރައްވާފައެވެ.

ޖޫން މަހު އީރާނާއި އެމެރިކާއިން ސޮއިކުރި ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމުގައި ލުބްނާނާ ގުޅޭ ޝަރުޠު ހިމަނާފައި އޮތް ނަމަވެސް، ހުރްމުޒް ކަނޑުއޮޅިއާމެދު އުފެދުނު ދެބަސްވުންތަކެއްގައި ވޮޝިންގޓަނުން ވަނީ އެއްބަސްވުން އުވައިލައި، ޢުދުވާނީ ހަމަލާތައް އަލުން ފަށާފައެވެ. އޭގެ ކުރިން، ޖޫން 26 ގައި ލުބްނާންގެ ސަރުކާރާއި ޔަހޫދީ ދައުލަތާ ދެމެދު ވެސް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން ޢުދުވާންތައް ހުއްޓައިލައި، ލުބްނާންގެ ބިންތަކުން ޔަހޫދީ ސިފައިން ފައިބަންޖެހުނު ނަމަވެސް، ޔަހޫދީން ވަނީ އެ އެއްބަސްވުމާ ޚިލާފުވެފައެވެ. އަދި، އެ ކަމަށް އިންކާރުކުރާ ނަމަ ހަތިޔާރު ބެހެއްޓުމަށް ޙިޒްބުالله އިން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. މާރިޗު 2 ވަނަ ދުވަހަށްފަހު ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި 4,329 މީހުން ޝަހީދު ކޮށްލިއެވެ. ޙިޒްބުالله އިން ވެސް ވަނީ ޔަހޫދީ ސިފައިންގެ 37 މީހުންނާއި، ޔަހޫދީ ޢާންމުންގެ ހަތަރު މީހުން މަރައިލާފައެވެ.

13 ދުވަހަށް ފަހު ޖުލައި 24 ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާންގެ ރަށްތަކަށް ދެމުންދިޔަ ޢުުދުވާނީ ހަމަލާތައް ކުއްލިއަކަށް މެދުކަނޑައިލާފައެވެ. ހަމަލާތައް މެދުކަނޑައިލުމުގެ ފަހަތުގައި އޮތް ސަބަބު ރައީސް ޑޮނަލްޑް ހާމަކުރައްވާފައިނުވާއިރު، އެ ކަމުގެ ފަހަތުގައި އޮތް ޙަޤީޤަތަކީ އީރާންގެ ރައްދު ހަމަލާތައް ދިފާޢުކުރުމަށް ބޭނުންކުރަމުންދާ ހަތިޔާރުގެ ސްޓޮކު މަދުވަމުން ދިޔުން ކަމުގައި ރިޕޯޓުތައް ބުނެއެވެ. ވައިގެ ހަމަލާތައް ދިފާޢުކުރުމަށް ބޭނުންކުރާ އިންޓަރސެޕްޓަރ މިސައިލްގެ ސްޓޮކު މަދުވަމުންދާ ކަން، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވައިޓްހައުސްއަށް އަންގަވާފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ޓްރަމްޕް ވަނީ އެމެރިކާގެ ހަތިޔާރު ސްޓޮކުތައް ހުސްވަމުންދާ ކަމުގެ ރިޕޯޓުތައް ދޮގު ކުރައްވާފައެވެ. އެމެރިކާގެ ހަމަލާތައް މެދުކަނޑައިލުމާއެކު އީރާންގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވެސް ވަނީ، ރައްދުގައި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަމާޒުތަކަށް ދެމުންދިޔަ ވަރުގަދަ ހަމަލާތައް މެދުކަނޑައިލާފައެވެ.