ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތާއެކު ޚިދުމަތްތަކަށް އެތައްގޮތަކުން ކުރިއެރުން އަންނާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ.
ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު ހުޅުވުމަށް ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ކަނޑުމަތީގައި ދިމާވާ ހާދިސާތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ސަމާލުކަން ނުދެވިއްޖެނަމަ އެތައް ބައެއްގެ ފުރާނައާއި މުދަަލަށް ގެއްލުންވުމުގެ ފުރުޞަތު އޮންނަކަމަށެވެ. ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑުކަމަށްވާއިރު، ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެއްކަން ޗީފް އޮފް ޑިފެންސް ފޯސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ރާއްޖެއާއި ބޭރުގެ ކަނޑު އުޅަނދުފަހަރަށް ދިމާވާ ނުރައްކާތަކާއި ގުޅިގެން މީހުން ސަލާމަތްކުރުމާއި، އުޅަނދުފަހަރަށް އެހީވުމަކީ ޤައުމީ ދިފާއީބާރުގެ ޤާނޫނީ ޒިންމާއަކަށްވުމުން ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިގެންދާ ކުރިއެރުންތަކާއެކު އެ ޚިދުމަތްތައް ހަރުދަނާވާނެކަށް ޗީފް ވިދާޅުވިއެވެ.
އެމްއާރުސީސީގެ ޚިދުމަތްތަކެއް ހިމެނޭހެން ސިފައިންގެ ޚިދުމަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއްދެއްވާކަމަށާއި، ތަފާތު އެކި ސަބަބުތަކާއި ހުރެ، 2022ވަނަ އަހަރު ފެށި އެމްއާރުސީސީގެ އައު އިމާރާތުގެ މަސައްކަތް މަޑުޖެހިފައިވަނިކޮށް، އެ މަސައްކަތް އަލުން ފަށައި، މިއަހަރުގެ ތެރޭގައި އެސެންޓަރުގެ މަސައްކަތް ނިންމުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އެކަމަށް ދެއްވި އިސްކަމުގެ ސަބަބުންކަމަށްވެސް ވިދާޅުވިއެވެ.
މި އިމާރާތުގެ މަސައްކަތަށް ޖަޕާނު ސަރުކާރުން ދިން ފަންޑުގެ އިތުރުން ބޭނުންވާ ފައިސާ ބަޖެޓުގެ ތެރެއިން ސަރުކާރުން ވަނީ ހަމަޖަސަވާފައެވެ.
"ޒަމާނީ ވަސީލަތްތަކާއި އެކު ކަނޑުމަތީގައި ހާލުގައި ޖެހޭ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމާއި މީހުން ސަލާމަތްކުރުމުގެ ސައްކަތްކުރުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ. މިއީ އަސްކަރިއްޔާއިން ކޮންމެހެން ނިންމަން ބޭނުންވި މަސައްކަތެއް" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީ ގުޅިގެން ހިންގި މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ސަރޗް އެންޑް ރެސްކިއު ދާއިރާގެ ޚިދުމަތް އިތުރަށް ފުޅާކޮށް ޤާބިލިއްޔަތުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެމްއާރުސީސީގެ އައު އިމާރާތުގައި އޮޕަރޭޝަން ރޫމާއި، ކުލާސްރޫމުތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މިތަން ފަރުމާކޮށްފައިވަނީ ސާޗް އެންޑް ރެސްކިޔުއާއި އެހެނިހެން ލޯ އެންފޯސްމަންޓް ޕްރޮގްރާމްތަކަށް ބޭނުންވާ ތަމްރީނުދެވޭނެ ފަދަ ވަސީލަތްތަކާއެކުގައެވެ.