އިޓަލީ ފުޓުބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާއި ހަވާލުވިތާ 2 ހަފްތާވެސް ނުވަނީސް ޕައޮލޯ މަލްޑިނީ އާއި ލިއޮނާޑޯ އިސްތިއުފާ ދީފިއެވެ.
އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމުގައި ހުރި މަލްޑިނީ އާއި އޭނާގެ އެޑްވައިޒަރު ލިއޮނާޑޯ މަގާމުން އިސްތިއުފާ ދިނީ ޤައުމީ ޓީމުގެ ހެޑް ކޯޗުކަމަށް ހުށަހެޅި ނަންތައް ފެޑެރޭޝަނުން ބަލައިނުގަތުމާ ގުޅިގެންނެވެ.
މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ، ކޯޗުކަމަށް އަންދްރޭ ޕިރްލޯ އައްޔަންކުރުމަށް ހުށަހެޅި ހުށަހެޅުމަށް، ސިޔާސީ މައްސަލަތަކާ ހުރެ ފެޑެރޭޝަނުން ދެކޮޅު ހެދުމެވެ.
މަގާމާ ހަވާލުވިތާ 16 ދުވަސް ފަހުން، ސެރީ އޭގެ ކްލަބްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި، ކޯޗުކަމަށް އަންޗެލޮޓީ އާއި ގާޑިއޯލާ ގެނައުމަށް ކުރި މަސައްކަތް ނާކާމިޔާބުވިކަން ކަށަވަރުވުމުން، މަލްޑިނީ އާއި ލިއޮނާޑޯ ދެން ހުށަހެޅީ ޕިރްލޯގެ ނަމެވެ. އެއީ ޤައުމީ ޓީމުތަކާ މެދު މަލްޑިނީ ގެންގުޅޭ ޓެކްނިކަލް ތަޞައްވުރާ ޕިރްލޯގެ ވިސްނުން އެއްގޮތްވުމުންނެވެ.
ނަމަވެސް، ރަޝިޔާގެ ސްޕޮންސަރާ ގުޅިގެން އުފެދުނު މައްސަލަތަކުގެ ސަބަބުން ޕިރްލޯ އައްޔަންކުރުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ. މިކަމާ ގުޅިގެން، ފެޑެރޭޝަންގެ ރައީސްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމާއި ރައްކާތެރިކަން ނުލިބޭކަމަށް މަލްޑިނީގެ ވާހަކަތަކުން ފާހަގަކުރެވުނެވެ.
މި މައްސަލައިގައި ގިނަ ވަގުތުތަކެއް ވަންދެން މަޝްވަރާކޮށް، އެހެން ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރެވުނެވެ. އެގޮތުން ލިއޮނާޑޯ ވަނީ ތިއާގޯ މޮޓާގެ ނަން ހުށަހަޅާފައެވެ. އެހެންނަމަވެސް މޮޓާވެސް ފެޑެރޭޝަނަށް ކަމުނުދިއުމުން މަލްޑިނީ އާއި ލިއޮނާޑޯ ނިންމީ އިސްތިއުފާދޭށެވެ.
މިއާއެކު، ޤައުމީ ޓީމަށް ކޯޗަކު ހޯދުމުގެ މަސައްކަތް އަލުން މިވަނީ ފަށާފައެވެ. މި މަސައްކަތް މިހާރު ސީދާ ބަލަހައްޓަމުން ގެންދަނީ ފެޑެރޭޝަންގެ ރައީސް މަލާގޯއެވެ. އޭނާ މިހާރު އިސްކަންދެނީ ކުރިންވެސް އޭނާގެ އެންމެ ފުރަތަމަވެސް އިޚްތިޔާރުކުރި، ރޮބާޓޯ މަންޗީނީއަށެވެ.