ފީފާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާ ވަރަށް ފާޅުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް ކަމުން ވަކިވެވަޑައިގަތުމުން ފަހުން ފުޓްބޯޅައިން ސަސްޕެންޑް ކުރި ބްލެޓާ ވިދާޅުވީ އޭނާ އަށް ފަހު ފީފާގެ ރައީސް ކަމަށް ވަޑައިގެންނެވި އިންފަންޓީނޯ އުޅުއްވަނީ ވޯލްޑް ކަޕް ވިއްކާލައްވަން ކަމަށެވެ.
"އޭނާ މަސައްކަތް ކުރަނީ ވަރަށް ގިނަ ވިޔަފާރިވެރިން ގެނެސް ވޯލްޑް ކަޕް ޕްރައިވެޓައިޒް ކުރަން. އޭނާ އެ އުޅެނީ މުބާރާތް ވިއްކާލަން. ފުޓްބޯޅަ އަށް ފައިސާ ބޭނުންވި ނަމަވެސް މިއީ ސިޔާސީ ގޮތުން ބޭނުންގހާ ގޮތެއް ހެދިގެންވާނެ ކުޅިވަރެއް ނޫން،" 17 އަހަރު ވަންދެން ފީފާގެ ރައީސްކަން ކުރައްވައި އެ ޖަމާއަތް އެންމެ ފުރަތަމަ ސްޕޮންސަރުންނަށް ހުޅުވާލެއްވި ބްލެޓާ ވިދާޅުވި އެވެ.
އުމުރުފުޅުން މިހާރު 90 އަހަރުގެ ކުރީގެ ރައީސް ވިދާޅުވީ އިންފަންޓީނޯގެ ޒައާމަތުގައި ފެނިގެންދަނީ ސިޔާސީ ފޯނު ކޯލަކުން ފީފާގެ އުސޫލުތަކެއް ބަދަލުވާތަން ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމުން އެމެރިކާގެ ކުޅުންތެރިންނަށް ވޯލްޑް ކަޕުގައި ދެއްކި ރަތްކާޑު މައާފް ކުރުމާއި އެ ނޫން ވެސް ނިންމުންތަކަށެވެ.
"ފީފާ އަކީ ސިޔާސީ ކަންކަމާ ދުރުހެލިވާން ޖެހޭ ޖަމާއަތެއް. ސިޔާސ މީހަކު އެދުނީމާ ފޯނު ކޯލަކުން ފީފާގެ ނިންމުންތައް ބަދަލު ވެގެން ނުވާނެ،" ބްލެޓާ ވިދާޅުވި އެވެ.
އޭނާގެ އިތުރުން ޔޫއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ވަނީ އިންފަންޓީނޯ އަށް ފާޑކު ވިދާޅުވެފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ބްލެޓާއާއެކު ސަސްޕެންޑް ކުރި ޕްލެޓިނީ ވިދާޅުވީ އިންފަންޓީނޯ އަކީ ލީޑަރެއް ނޫން ކަމަށާއި އޭނާ އަކީ ފައިސާ ގިނަ މީހުންނާ ވަރަށް ގަޔާވާ ބޭފުޅެއް ކަމަށެވެ.
އެމެރިކާގައި މި މަހު ނިމުނު ވޯލްޑް ކަޕާއެކު އިންފަންޓީނޯ އާއި ޔޫރަޕާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ.