ޚަބަރު

އަލްބާ ލޮޖް އާއި ޔުނައިޓެޑް ގްރީން ކެޔޮދޫ ވޮލީ މުބާރާތުގެ ފައިނަލަށް!


  • ފައިނަލްގެ ޖާގަތައް ޔަގީންވާނީ ބުރާސްފަތި ދުވަހު

ކެޔޮދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ފައިނަލުން އަލްބާ ލޮޖް އާއި ޔުނައިޓެޑް ގްރީން ޖާގަ ހޯދައިފިއެވެ. އަލްބާ ލޮޖް ޖާގަ ހޯދީ ފިރިހެން ޑިވިޝަންގެ ފައިނަލުންނެވެ. އަދި ޔުނައިޓެޑް ގްރީން (ޔޫޖީ) ޖާގަ ޔަގީންކުރީ އަންހެން ޑިވިޝަންގެ ފައިނަލުންނެވެ.
އަލްބާ ލޮޖް ފައިނަލުގެ ޖާގަ ޔަގީންކުރީ ދެވަނަ މެޗުންވެސް މޮޅުވެ, ލީގު ބުރުގައި ބާކީ އެއް މެޗު އޮއްވާ ހަ ޕޮއިންޓާއެކުއެވެ. ފުރަތަމަ ތިން އަހަރުގެ ޗެމްޕިއަން އަލްބާ ލޮޖް ފައިނަލް ޔަގީންކުރި މެޗު މަންތާވިއުއާ ވާދަކޮށް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 25-11, 25-15 އަދި 25-15 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުރިން ގައުމީ ޓީމަށް ކުޅުނު އަހުމަދު ފާޒިލް އެވެ. ފިރިހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގައަށް ވާދަކުރަނީ މަންތާވިއު އާއި ޔުނައިޓެޑް ގްރީންއެވެ.

ގައުމީ ޓީމްގެ ކެޕްޓަން ހައްވާ ރާޝިދާ އާއި އާމިނަތު ޝަހާ ޝާމިން ކުޅެމުން އަންނަ ޔޫޖީ ފައިނަލް ޔަގީން ޔުނައިޓެޑް ގްރީން ފައިނަލް ޔަގީންކުރީ ލީގު ބުރުގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ތިން މެޗުވެސް އެޓީމް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ތިންވަނަ މެޗު ކާމިޔާބުކުރީ ރޭވައާ ވާދަކޮށެވެ. ގައުމީ ޓީމްގެ ތިން ކުޅުންތެރިން ހިމެނޭ ރޭވައާ ވާދަކޮށް, ޔޫޖީން ސެޓްތައް ގެންދިޔައީ 25-13, 25-12 އަދި 25-21 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާމިނަތު ޝަހާ ޝާމިން އެވެ. ޝަހާގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން ހައްވާ ރާޝިދާ ކުޅެނީ ޔޫޖީ އަށެވެ.
އަންހެން ޑިވިޝަންގެ ފައިނަލުގެ ދެވަނަ ޖާގައަށް ތިން ޓީމް ވާދަކުރެއެވެ. މިވަގުތު ދެވަނައިގައި އޮތީ 6 ޕޮއިންޓާއެކު މަންތާ ވިއު އެވެ. ފަހު މެޗުގައި އެޓީމް ވާދަކުރާނީ 4 ޕޮއިންޓާއެކު އޮތް ދިނަޝަ އާއެވެ. ފަސް ޕޮއިންޓާއެކު ތިންވަނައިގައި އޮތް އަލްބާ ލޮޖް ފަހު މެޗުގައި ވާދަކުރާނީ ޔޫޖީ އާއެވެ. އަލްބާ ލޮޖް ވަނީ ތިންވަނަ މެޗުގައި ފަސް ސެޓް ކުޅެގެން ދިނަޝަ ބަލިކޮށްފައެވެ.