ޚަބަރު

"އަމާޒަކީ ގަދަރާއި ކަރާމާތާއެކު ދިރިއުޅެވޭނެ އަމާން ރާއްޖެއެއް ބިނާކުރުން"


  • އިންސާނީ ކަރާމާތާއި ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް

  • މިއީ އެންމެހާ މުއައްސަސާތަކުގެ މަސްއޫލިއްޔަތެއް

އަމާޒަކީ އެންމެން ގުޅިގެން، ކޮންމެ މީހަކަށްވެސް ބިރުވެރިކަމެއް ނެތި، އިންސާނީ ގަދަރާއި ކަރާމާތާއެކު ދިރިއުޅެވޭނެ އަމާން ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށްވެސް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މި ދުވަސް ފާހަގަކުރަނީ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ނުވަތަ "މަކަރާއި ހީލަތުން ގައިދުކޮށްފައި" މި ޝިއާރުގެ ދަށުންނެވެ. މިއަހަރުގެ މިޝިއާރަށް އިޝާރާތްކުރައްވާ ދާޚިލީ ސަލާމަތައި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިޝިއާރުން މީހުން ޓްރެފިކްކުރުމުގެ ކުށަކީ ކުރީގެ ކުށްކުރުމުގެ ވައްޓަފާޅިން ބޭރުވެ، ބަދަލުވަމުންދާ ނުރައްކަލެއްކަން ހަނދާންކޮށްދޭ ކަމެއް ކަމަށެވެ.

ޚާއްޞަކޮށް ޒަމާނީ ޓެކްނޯލޮޖީއާއި، ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ވަޒީފާގެ ދޮގު އުންމީދުތައް ދީ، މީހުން ގައިދުކުރުމުގެ އަމަލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާކަން ފާހަގަކުރައްވާ، މި ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް ރާއްޖޭގެ އިޖާބަވެސް ހަރުދަނާކުރަން ޖެހޭ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަކީ ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއްކަން ފާހަގަކުރައްވާ އެ ވުޒާރާއިން ވިދާޅުވީ، ރާއްޖެއަކީ ބޭރުގެ މަސައްކަތްތެރިންގެ ބައިވެރިވުން ބޮޑު، ހުޅުވާލެވިފައިވާ އިޤުތިޞާދެއް އޮތް ޤައުމަކަށް ވީހިނދު، ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށްމެ އިންސާނީ ކަރާމާތާއި ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން، މީހުން އެކްސްޕްލޮއިޓްކުރުން ނުވަތަ ނަހަމަ ބޭނުންހިފުން ހުއްޓުވުމަކީ މަސައްކަތްތެރިންގެ ޙައްޤުގައި މަސައްކަތްކުރާ އެންމެހާ މުއައްސަސާތަކުގެ މަސްއޫލިއްޔަތެއް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި، އެއީ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި، ހޭލުންތެރި މުޖުތަމަޢުއެއްގެ އެހީތެރިކަމާއެކު މެނުވީ ހައްލުކުރެވޭނެ މަސްއޫލިއްޔަތެއް ނޫންކަން އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ބެހޭ ވުޒާރާގެ ބަޔާނުގައި އިންސާނީ ވަގުފާރީއާއި އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، އެޕްރީލް މަހުގައި، މަސައްކަތްތެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ހުރިހާ އިދާރާތަތާކާއި ބަހާތައް، އެވުޒާރާގެ ދަށަށް ބަދަލުކުރެއްވުމަކީ މިކުށާއި ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސްކުރުން ހަރުދަނާކުރުމަށް މަގުފަހިވި ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028" ގެ ނަމުގައި ސަރުކާރުގެ އިދާރާތަކުން މިކުށާއި ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް ޝާޢިއު ކުރެވި، ޢަމަލު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ޕްލޭނު ނިމިގެންދާއިރު، މިހާރު ދިމާވެފައިވާ ނިޒާމީ މައްސަލަތައް ހައްލު ކުރެވި، މުޅި ނިޒާމު ހަރުދަނާކުރެވިގެންދާނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކޮށް، ކުށްކުރުން ހުއްޓުވުން ކަމަށެވެ. އަދި މި އަމާޒު ހާސިލްވެވޭނީ ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށްވާތީ، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފުޅާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި، އައުމަށްފަހުވެސް އެމީހުންގެ ޙައްޤުތަކަށް ހޭލުންތެރިކުރުވައި، މައްސަލަ ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުމަކީވެސް މީހުންގެ ނަހަމަ ބޭނުން ހިފުން މަދުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. ހަަމަމިއާއެކު، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ޑިޖިޓަލް ސިސްޓަމްތަކުގެ އެހީގައި މައިގްރޭޝަން މެނޭޖްމަންޓް ހަރުދަނާކުރުމަކީވެސް މިނިޒާމުގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.