ޚަބަރު

"ޤިޔާމަތް ދުވަހު އިންސާނާ ކޮށްފައިވާ ޢަމަލުތަކަށް، އޭނާގެ ގުނަވަންތައް ހެކިދޭނެ"


  • ޚުޠުބާގެ މަޢުޟޫއަކީ "ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!"

ޤިޔާމަތް ދުވަހު އިންސާނާ ކޮށްފައިވާ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެ ކަމަށާއި، އެ ދުވަހު އޭނާ ކުޅަ ޢަމަލުތަކަށް ހެކިދޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ޤިޔާމަތްދުވަހާއި މަޙުޝަރުމައިދާނަށް ތައްޔާރުވާށެވެ!" އެވެ.

ހުކުރު ޚުޠުބާގައި ވަނީ ދުނިޔޭގެ ނިމުން އަންނަ ދުވަހު މީސްތަކުންގެ ޙާލު ހުންނާނޭ ގޮތް ހަނދާނަށް ގެންނައުމަށް ގޮވާލާފައެވެ. އަދި އެދުވަހުގެ ބިރުވެރިކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު އަޒާބު ގަދަފައީއެވެ."

ޚުޠުބާގައި ވިދާޅުވީ ބިރުވެރިކަމަކާ ކުރިމަތިވާ ހިނދު، ކޮންމެ މީހަކު ވެސް އެހީއަށް އެދޭނީ، އެ މީހަކާ އެންމެ ގާތް މީހެއްގެ ކިބައިންނެވެ. ނަމަވެސް މަޙުޝަރުބިމަށް މީސްތަކުން އެއްކުރެއްވޭ ދުވަހު، އެކަކު ވެސް އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށެއް ނުދޭނެ ކަމަށެވެ. އެންމެ ގާތްމީހުން ވެސް ދާނީ ފިލަން ކަމަށެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މި ފަދަ ބިރުވެރި ދުވަހުގައި ވެސް މީސްތަކުން ދެބައަކަށް ބެހިގެންވާނެ ކަމަށެވެ. އެއްބައަކީ ހިތްހަމަޖެހުމާއި އުފާވެރިކަމުގައި އެ ދުވަސް ހޭދަކުރާނޭ މީހުންނެވެ. އަނެއްބައަކީ ބިރުވެރިކަމާއި ހިތާމައިގައި އެ ދުވަސް ހޭދަކުރާނޭ މީހުންނެވެ.

"ދުނިޔޭގައި މާތް ﷲއާއި އެ ކަލާނގެ ރަސޫލުންނަށް އުރެދުނު މީހުން ޤިޔާމަތްދުވަހު ވޭންދެނިވި ޢަޒާބާ ކުރިމަތިލާނެއެވެ. އެ ހިނދު އެ މީހުން ފިދާއެއް ދީގެން ވިއަސް، އެ ޢަޒާބުން މިންޖުވާން އެދޭނެއެވެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ އެ ދުވަހުން އިންސާނާ ކޮށްފައިވާ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެކަމަށެވެ. އެ ހިނދު އޭނާ، އޭނާގެ ކުށްތައް ވަންހަނާކުރާން މަސައްކަތްކުރާނެ ކަމަށާއި ދޮގުހަދާން އުޅޭނެކަމަށެވެ. ނަމަވެސް އެ ދުވަހު އޭނާގެ އަނގަ ބަންދުކުރެވި، ނާގެ ގުނަވަންތައް އޭނާ ކުޅަ ޢަމަލުތަކަށް ހެކިދޭނެކަމަށެވެ.

"ދިރުންހުރި ކޮންމެ އެއްޗަކަށް މަރު އަންނާނޭ ފަދައިން އަހަރެމެން ކުރެ ކޮންމެ މީހަކީ، މަރުގެ ރަހަ ދެކޭނޭ މީހެއްކަން ހަނދުމަކުރާށެވެ! ތިޔަބައިމީހުން ޝައިޠާނާގެ ކެހިވެރި ދަޅަތަކަށް ނުހެއްލޭށެވެ! ހެއު ޢަމަލުކުރުމަށް މި އަދު ހީވާގިވާށެވެ! ޢަމަލުތަކުގެ އަޖުރު ފުރިހަމައަށް ލިބޭނޭ ދުވަހަކީ ޤިޔާމަތްދުވަހެވެ. ނަޞީބުވެރިއަކީ، އެ ދުވަހުން ނަރަކައިން މިންޖުވެ، ސުވަރުގެ ލިބުނު މީހާއެވެ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

އެ ދުވަހުން އިންސާނާ ކުޅަ އެއްވެސް ޢަމަލެއް ވަންހަނާއެއް ނުކުރެވޭނެއެވެ. އޭނާ ކުޅަހައި ޢަމަލެއް ހިމެނިފައިވާ ފަތް، އޭނާ ކިޔައި ބެލުމަށް ޓަކައި ހާމަކުރެވޭނެއެވެ. އޭނާ އެ ފަތް ކިޔައި، އަމިއްލަ ނަފުސު ހިސާބުކުރުމަށް އެންގޭނެ ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.