ޚަބަރު

އެޗްޕީއޭގެ ހުރިހާ ޚިދުމަތެއް ހުޅުމާލެއަށް


  • އެތަނުގެ ޚިދުމަތް ބަދަލުކުރީ މެންހެޓަން ގްރޭންޑް ހޮޓަލް އިމާރާތަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

މިހާތަނަށް އެ އިދާރާއިން ޚިދުމަތް ދެމުން އައީ ސިއްޙީ ވުޒާރާ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގައެވެ. އެ އޮފީސް ބަދަލުކޮށްފައިވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށެވެ.

މެންހެޓަން ގްރޭންޑް ހޮޓަލަކީ، ވެމްކޯގެ ސައިޓާ ޖެހިގެން ތަރައްގީ ކޮށްފައިވާ އިމާރާތެވެ. މީޑިއާ ވިލެޖުވެސް ތަރައްގީ ކުރަމުންދަނީ، މި އިމާރާތުގައެވެ.

އެޗްޕީއޭއަކީ، މި އިމާރާތަށް ޚިދުމަތްތައް ބަދަލުކުރާ ފުރަތަމަ އިދާރާއެވެ. އެ އިދާރާއިން ވިދާޅުވީ، މާދަމާއިން ފެށިގެން ހުރިހާ ޚިދުމަތެއްވެސް ދެމުންދާނީ އެ އެ އިމާރާތުގެ 2ވަނަ ފަންގިފިލާގައި ހުޅުވާފައިވާ އެޗްޕީއޭގެ އޮފީހުގެ ކައުންޓަރުން ކަމަށެވެ.

އެޗްޕީއޭއަކީ، ސިއްޙީ ޚިދުމަތްތަކުގެ ތެރެއިން އާންމު ސިއްޙަތުގެ ޚިދުމަތްތައް ދެމުންދާ އިދާރާއެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ގިންތިތަކުގެ ސިއްޙަތު ރައްކާތެރި ކުރުމަށް ބޭނުންވާ ޚިދުމަތްތައް ރާވައި ހިންގުމާއި، އާންމު ސިއްޙަތު ރައްކާތެރި ކުރުމުގައި ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާގުޅޭ މާހިރުންގެ އެހީއާއިއެކު އާންމު ސިއްޙަތުގެ ޕްރޮގްރާމްތައް އެ އިދާރާއިން އަންނަނީ ހިންގަމުންނެވެ.