ޚަބަރު

ކޮޅުވެއްޓި ބަންޑުންޖަހާލުން: ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި


  • ހާދިސާގައި ގެއްލިފައިވަނީ ދެ ބިދޭސީން

  • އޭގައި ތިބި 10 މީހުންގެ ތެރެއިން 8 މީހުން ސަލާމަތްވި

ކ. ތިލަފުށިން ފުރައިގެން ދަތުރު ކުރަމުންދަނިކޮށް އެ އަތޮޅުގެ ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެމީހުން ހޯދުމަށް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދިވެސް އެ މީހުން ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ކ.ގާފަރު ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މިއަދު ހެނދުނު 08:48 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގިވަގުތު ކޮޅުވެއްޓީގައި 10 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން 8 މީހުން ސަލާމަތް ކުރެވުނު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި ދެ މީހުން ގެއްލިފައިވާއިރު އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރައްވަމުންނެވެ. ‏އެމްއެންޑީއެފުން ވިދާޅުވީ، ގާފަރު ކައިރިން ބަންޑުން ޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްދާއިރު، ކަނޑާއި ވައިގެމަގުން މިހާތަނަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެގޮތުން، ‏އެ 2 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުން މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެ މީހުން ފެނިފައި ނުވެއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި މި ހާދިސާގައި ގެއްލިފައިވަނީ، ދެ ބިދޭސީންނެވެ.

މި ހާދިސާގައި ސަލާމަތްވި 10 މީހުން ވަނީ ގާފަރަށް ގެންގޮސްފައެވެ. އެ މީހުންގެ ގައިގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތައް ލިބިފައި ހުރި ނަމަވެސް 8 މީހުންގެވެސް ހާލު ރަނގަޅު ކަމަށް ގާފަރު ކައުންސިލުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާ ކުރައްވާފައެވެ. އެހެންވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުންވަނީ އިލްތިމާސް ކުރައްވާފައެވެ.