ޚަބަރު

ސްޕެއިންއަށް ވަންނަން މަސައްކަތްކުރި 57 ހިޖުރަވެރިން މަރުވެއްޖެ


ސްޕެއިންގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް، އުތުރު އެފްރިކާގެ ސަރަޙައްދުގައި އޮންނަ ސްޕެއިންގެ ސެއުތާއަށް އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ ހިޖުރަވެރިން ވަނުމަށް މަސައްކަތްކުރުމުގެ ތެރޭގައި 57 މީހުން މަރުވެ، ހިޖުރަވެރިންގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން އަނބުރާ ޤައުމަށް ދިޔުމަށް ދަތުރު ފަށައިފިއެވެ.

ސެއުތާއަކީ ވިލާތުގެ އިއްތިޙާދާއި އުތުރު އެފްރިކާއާ އެއްގަމު މަގުން ގުޅުވައިދޭ ހަމައެކަނި ސަރަޙައްދީ ރޮނގު އޮންނަ ސަރަޙައްދެވެ. ސްޕެއިންއިން ވަނީ ސެއުތާއަށް އެއްގަމު މަގުންނާއި ކަނޑު މަގުން ކުއްލިއަކަށް އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ މީހުން ހުރަސްކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައެވެ. އެ ގޮތުން ޖޫން މަހުގެ 30ވަނަ ދުވަހުގެ ހެނދުނުން ފެށިގެން 50،000އެއްހާ މީހުން އެއްފަހަރާ ސަރަޙައްދީ ރޮނގު ހުރަސްކޮށްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ޢަދަދެއްގެ މީހުން މިހާރު ވަނީ އަނބުރާ ޤައުމަށް ދިޔުމުގެ ދަތުރު ފަށައިފައެވެ.

ސްޕެއިންގެ ސަރުކާރުން ބުނީ ސަރަޙައްދީ ރޮނގު ހުރަސް ކުރުމަށް މަސައްކަތް ކުރި 57 މީހުންގެ ހަށިގަނޑު ހޯދާފައިވާ ކަމަށާއި، ސްޕެއިންއާ އިންވެގެން އޮންނަ މަޣްރިބްކަރައިގެ ފަޅީގައި އިތުރު މީހުން މަރުވެފައި ތިބުން އެކަށީގެންވާ ކަމަށެވެ. ބައެއް މީހުން މަރުވެފައި ވަނީ ގެނބިގެންނެވެ. އަދި އެއްގަމަށް އެރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފިތިގެން ވެސް ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވެއެވެ. ސްޕެެއިންއަށް އެތެރެވެފައިވާ ހިޖުރަވެރިންގެ ތެރެއިން 48،399 މީހުން މިހާރު އަނބުރާ ދިޔުމަށް ދަތުރު ފަށާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ސަރަޙައްދީ ރޮނގުގެ އަނެއް ފަރާތުގައި ޙަރަކާތްތެރިވަމުން ދިޔަ މަޣްރިބްކަރައިގެ ސިފައިން ވަނީ ސްޕެއިންއަށް ވަނުމަށް މަސައްކަތްކުރަމުން ދިޔަ މީހުންނަށް ހުރަސްއެޅުމުގެ ގޮތުން މުގުރުބުރިއާއި ކަރުނަ ގޭސް ބޭނުންކޮށްފައެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވަނީ ސެއުތާއަށް ދަތުރުކުރައްވައި ޙާލަތު ބައްލަވާލައްވައިފައެވެ. އޭނާ ވިދާޅުވީ ސްޕެއިންއަށް ވަނުމަށް އެހާ ގިނަ ޢަދަދެއްގެ މީހުން މަސައްކަތް ކުރުމަކީ އެ ޤައުމުގެ ސަރަޙައްދީ އިސްތިޤުލާލަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. ސްޕެއިންއަށް ޤާނޫނާ ޚިލާފަށް އެތެރެވެފައިވާ މީހުން އަނބުރާ ފޮނުވައިލުމުގެ މަސައްކަތް އަވަސް ކުރުމަށް މަޣްރިބްކަރައިގެ އެހީތެރިކަމާއެކު މަސައްކަތް ކުރަަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ މީހުން ކުއްލި ގޮތަކަށް ސްޕެއިންއަށް ވަނުމަށް މަސައްކަތް ކުރަމުންދާތީ ވިލާތުގެ ޤައުމުތަކުގެ އިސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް ސްޕެއިންއަށް ގޮވާލައިފައެވެ. އިޓަލީވިލާތުން ވަނީ ސްޕެއިންއާއެކު އޮންނަ ވިލާތުގެ އިއްތިޙާދުގެ ސެންޒެން އިންތިޒާމު މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް ސެޕެއިންއިން ބުނަނީ އެއީ ވިލާތުގެ އިއްތިޙާދުގެ މުއާހަދާތަކާ ޚިލާފު ނިންމުމެއް ކަމަށެވެ.